ކުރިއަށް މި އޮތީ ސީޒަނުގެ އެންމެ މުހިއްމު މެޗުތައް ކަމަށާއި އެހިސާބަށް، މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފިޓްކޮށް ހުރެ ރަނގަޅު ފޯމަކަށް އެޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ގައުމީ ޓީމުން އޮގަސްޓް މަހު ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުންދަނިކޮށް އާއިލާ މެމްބަރުންތަކެއްގެ ކުއްލި މަރާ އެކު އިއްބެ ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. އެހެންވެ އެ ފަހަރު ގުއާމް އަތުން މޮޅުވި މެޗާއި ޗައިނާ އަތުން ބަލިވި މެޗުގައި އިއްބެ ނުކުޅެ އެވެ. އެ ދެ މެޗަށް ފަހު އިއްބެ، 23، މާޒިޔާ ޕްރެކްޓިހާ ގުޅުނު ފަހުން ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުގެ ސަބަބުން ފަހުން ހުރީ މެޗެއް ނުކުޅެ ކުޅުމާ ދުރުގަ އެވެ.
އަނިޔާއިން ރަނގަޅުވެ މިދިޔަ މަހު ކުރީކޮޅުގައި މެލޭޝިއާއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގައި އިއްބެ ކުޅުނެވެ. މާޒިޔާގެ ކޯޗު ސެކުލޮސްކީ މީގެ ކުރިން ބުނެފައިވަނީ އިއްބެ ކަހަލަ ބޮޑު މުސްތަގުބަލު އޮތް ކުޅުންތެރިޔަކު އެއްކޮށް ފިޓްނުވަނީސް ބޭނުންނުކުރާނެ ކަމަށެވެ. މާޒިޔާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އިއްބެ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ކޮޅަށް ގޯލު ޖަހައިފަ އެވެ.
ހަތަރު ވަރަކަށް މަހަށް ފަހު އިއްބެ، ފިޓްކޮށް ހުރެ މާޒިޔާ ޓީމުގައި އަލުން ކުޅެން ފެށުމަކީ ސެކުލޮސްކީ އަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު އަދިވެސް އިއްބެ ބޭނުންކުރުމާ މެދު އޭނަ ފަރުވާތެރިވާނެ އެވެ.
"އަހަރެން މި އަންނަނީ ކޮންމެ ދުވަހަކު އޭނައާ ވާހަކަ ދައްކަމުން އަހަރެން ވަރަށް ބޭނުން މި ކަހަލަ މޮޅު ކުޅުންތެރިޔެއް އެ ކުޅުންތެރިޔާގެ ޓޮޕް ފޯމުގައި ހުންނަން. އެއީ އަހަރެމެންގެ ޓޮޕް މެޗުތައް ކަލަންޑަރުގައި އޮތް ދުވަސްތަކަށް ވިސްނާފައި. މިއީ އަހަރެންގެ ވިސްނުން އެ ކަން އަހަރެން އޭނަ އަށް ކިޔައިދެމުން މި އަންނަނީ ޓްރެއިނިންގައި ވެސް މެޗުތަކަށް ނުކުންނައިރު ވެސް ހުންނަން ވާނެ ގޮތް މި ދަނީ ބުނެދެމުން،" ލީގުގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑަކާ އެކު މި ވަގުތު މާޒިޔާ އޮތްއިރު އެ ޓީމަށް ކުރިއަށް އޮތީ ސީޒަނުގެ ބޮޑު މުބާރާތްތަކުގެ އިތުރުން އޭއެފްސީ ކަޕް އެވެ. އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާޒިޔާ ނުކުންނާނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ޕްލޭއޮފުގައި މާޒިޔާ ބައްދަލުކުރުމުގެ ފުރުސަތު ބޮޑީ ބެންގަލޫރު އެފްސީއާ އެވެ.
"ޖެނުއަރީ މެދެއްހާ ހިސާބުން އަހަރެން އިއްބެ އެންމެ ޓޮޕްގައި ބަހައްޓަން ބޭނުން. މިއީ އަހަރެން އިއްބެއާ މެދު ވިސްނާ ގޮތް. އިއްބެ އަކީ އަހަރެމެންގެ އެޓޭކިން މިޑްފީލްޑަރު ދެން ކުރިއަށް އޮތީ ސީޒަނުގެ މުހިއްމު ވަގުތު. ގައުމީ ލެވެލްގެ މެޗުތަކާއި އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން މެޗުތައް،" މާޒިޔާ ގޮވައިގެން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ސެކުލޮސްކީ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި މިދިޔަ ހަތަރު އަހަރު ޓީސީ އަށް ކުޅުމަށް ފަހު ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެ މި އަހަރު މާޒިޔާ އަށް ބަދަލުވުމަށް ފަހު އަނިޔާވުމުގެ ކުރިން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ.