ވެލެންސިއާގެ މައްޗަށް ފީފާއިން ކުރިމަތިކޮށްފައިވާ ޓްރާންސްފާ ބޭންގެ ސަބަބުން، މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް އެ ކްލަބަށް މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.

މިދިޔަ ދެ އަހަރު ވެލެންސިއާ އަށް ކުޅުނު ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރަ ދީފައި ނުވުމުން، އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އެ ކްލަބަށް ފީފާއިން ދީފައި އޮތް އަދަބު އަދިވެސް އޮތީ އެގޮތަށެވެ.

މިދިޔަ ތިން އަހަރު މާޒިޔާ އަށް ކުޅުނު އިއްބެ ވެލެންސިއާ އަށް ގެންދިޔައީ ނިކަމެތިވެފައިވާ ކްލަބް ވަރުގަދަ ކުރުމަށެވެ. އޭނާގެ އިތުރުން ގްރީން ސްޓްރީޓްސް އަށް ކުޅުނު ޑިފެންޑަރު ރިލްވާން ވަހީދު ވެސް ސީޒަން ފެށުމުގެ ކުރިން ވެލެންސިއާއިން ގެންދިޔަ އެވެ. އެކަމަކު ރިލޭ ވެސް އަދި އިއްބެ އަށް ވެސް އެއް ވެސް މެޗެއް ނުކުޅެވުމެވެ. މި މަހު ނިމިގެން ދިޔަ މި ސީޒަންގެ މިޑް ޓްރާންސްފާ ޕީރިއަޑްގައި ރިލޭ އީގަލްސް އަށް ބަދަލުވި އެވެ. އެކަމަކު އިއްބެ ޓީމުގައި ހުންނަން ޖެހުނީ އެވެ. މަޒިޔާގެ ލޯނެއްގެ ދަށުން ވެލެންސިއާ އަށް ބަދަލުވި އިއްބެ އަށް ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ދެން އެއްވެސް މެޗެއް ނުކުޅެވޭނެ އެވެ.

ވެލެންސިއާގެ އޮފިޝަލަކު ބުނީ އިއްބެ އަދި ރިލޭ ވެސް އޭރު ޓީމަށް ސޮއި ކުރުވީ ކްލަބްގެ މެނޭޖުމެންޓުން، ފައިސާ ދައްކައި ފީފާގެ ޓްރާންސްފާ ބޭން ފިލުވާނެ ކަމަށް ބުނުމުން ކަމަށެވެ.

ބޯހަސްގެ އިތުރުން ވެލެންސިއާ އަށް މިދިޔަ އަހަރު ކުޅުނު ސްޕޭންގެ ޑިފެންޑަރު ހޮޒޭ އެންޓޯނިއޯ އަށް މުސާރަ ނުދީ އޮތުމުން ވެސް ފީފާއިން ވެލެންސިއާގެ މައްޗަށް ކުރިމަތި ކުރީ ޓްރާންސްފާ ބޭންގެ އަދަބެވެ. އެކަމަކު މިހާރު ހޯޒޭ އަށް ފައިސާ ދައްކާފައި ވުމުން އޭނާގެ މައްސަލައާ ގުޅިގެން ފީފާއިން ކުރިމަތި ކުރި އަދަބު ވަނީ އުފާލައިފަ އެވެ.

ނަމަވެސް ބޯހަސް އަށް އަދިވެސް މުސާރަ އަދާކޮށްފައި ނުވާތީ އޭނާގެ މައްސަލައާ ގުޅިގެން ކުރިމަތި ކުރި އަދަބު އެގޮތުގައި އެބައޮތެވެ. ބޯހަސް އަށް ދޭން ޖެހޭ 62،000 ޑޮލަރު (950،040 ރުފިޔާގެ) ތެރެއިން ދެ ފަހަރެއްގެ މަތިން 10،000 ޑޮލަރު ޖުމުލަ 20،000 ޑޮލަރު ވެލެންސިއާއިން އޭނާ އަށް ފޮނުވާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އަދިވެސް ބާކީ 42،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ކުރިން "މިހާރު" އަށް ދިން އިންޓަވިއުގައި ބޯހަސް ބުނީ ވެލެންސިއާއިން އޭމާ އަށް ދޭން ޖެހޭ ފައިސާ އެއްކޮށް ހަލާސް ކުރުމުން ނޫނީ ފީފާގައި އޮތް މައްސަލަ ނެގުމުގެ ވިސްނުން ނުގެން ގުޅޭ ކަމަށެވެ.

ވެލެންސިއާގެ އޮފިޝަލް ބުނީ ކްލަބްގެ ޓޮޕް މެނޭޖުމެންޓުން ފައިސާ ދައްކައި ޓްރާންސްފާގެ އަދަބު ފިލުވާނެ ކަމަށް ބުނުމުން، މިޑް ޓްރާންސްފާ ޕީރިއަޑްގައި ލަންކާގެ ތިން ކުޅުންތެރިޔަކު ގެންނަ ގޮތަށް ވެސް ހަމަޖެހުނު ކަމަށެވެ.

"ގޯލް ކީޕަރަކާއި އެކު ލަންކާގެ އިތުރު ދެ ކުޅުންތެރިން [ޖުމުލަ ތިން ކުޅުންތެރިން] ގެންނަން ވެސް ހަމަޖެހުނު. އެކަމަކު މެނޭޖުމެންޓުން ފީފާގެ އޮތް މައްސަލަ އަށް ފައިސާ ދައްކާފައި ނުވުމުން އެ ކުޅުންތެރިން ޓީމުގައި ޖެހި ނަމަވެސް ކުޅެވޭ ގޮތެއް ނުވި،" ކްލަބްގެ އޮފިޝަލް ބުންޏެވެ.