ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވާދަކުރައްވަން ނިންމަވައިފި އެވެ.
މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ ޕީއެންސީގެ މަތީ މަޖިލީހުންނެވެ.
ޕީއެންސީގައި މި ވަގުތު ހަ ނައިބު ރައީސުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ސައީދާއި ޝުޖާއު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އާ ދައުރަކަށް ކުރިމަތިލައްވައި ސައީދު ވިދާޅުވީ އޭނާ ވާދަކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާ އެކު ކަމަށެވެ. އަދި ޕީއެންސީ އުފައްދައި ކުރު މުއްދަތެއްގެ ތެރޭ ބޮޑެތި ކާމިޔާބީތަކަކާއި ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑަޝިޕްގައި މިއަދާ ހަމަޔަށް ވެސް ހިދުމަތްކުރަމުން ދިޔަ އެކެއްގެ ހައިސިއްޔަތުން ހިތްވަރާއި ސާބިތުކަމާ އެކު ދެގޮތެއް ނުވެ ދެމިހުރުމުގެ ތަޖްރިބާތަކާ އެކު ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ ރައީސްގެ ހިކުމަތްތެރި އަދި ހަރުދަނާ ލީޑަޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި، ޕާޓީއަށް ލިބިފައިވާ ކާމިޔާބުތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އެންމެ އާރުލާ އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ކޮންގްރެސް ޕާޓީ އަބަދުވެސް ބޭއްވުން،" ސައީދު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އެ މަގާމުގައި ދެމިހުންނަވަން ޖެހެނީ، އޭނާއާ ނުލައި ޕީއެންސީގެ ލީޑަޝިޕް ފުރިހަމަ ނުވާނެތީ އެވެ.
"...ޕާޓީ އިދިކޮޅުގައި އޮތްއިރު ހިތްވަރާއެކު ކެރިގެން އެމްޑީޕީއާ ދެކޮޅަށް އިސްވެ ނުކުންނަން ކެރުނީތީ. މި އޮޑި ގަދަ ކަނޑުގައި ދުއްވި އިރުވެސް ވަރުބަލި ކަމެއް، ފޫހިކަމެއް ނެތި ދެމިހުރީތީ. ބޮޑާ ނުހާކާ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕާޓީގައި ސާބިތުވެ ދެމި ހުރީތީ. މަގާމުގެ ދަހިވެތިކަމަށް ވުރެ ޕާޓީގެ މަސްލަހަތު އަބަދުވެސް އިސްކުރީތީ،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު އެންމެ މެމްބަރުން ގިނަ ޕީއެންސީން މިހާތަނަށް ރަސްމީކޮށް މަގާމުތަކަށް އިއުލާންކޮށްފައެއް ނުވެ އެވެ. އަދި އެ އިންތިހާބު ބާއްވާނެ ދުވަހެއް ވެސް އިއުލާނެއް ނުކުރެ އެވެ.
އެ ޕާޓީން ވަނީ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބު މި ފަހުން ބާއްވައިފަ އެވެ. އެ އިންތިހާބުގެ ވޯޓުލުން 131 ދާއިރާއެއްގައި ބޭއްވިއިރު 25،00 އަށްވުރެ ގިނަ މަގާމުތަކަށް މީހުން ހޮވި އެވެ.