ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) އަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމް އެސޯސިއޭޝަނުން ދިނުމާ އެކު، އޭނާގެ 28 އަހަރުވީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ބެންޗުގައި ހުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އަބަދުވެސް އެސޯސިއޭޝަނާ ކޮންމެވެސް ކުންޏެއް ޖެހި ސަތޯ އަށް ފުރުސަތުތައް ބަންދުވެފައިވާ ވުމަށް ނިމުމެއް އައުމުން އޭނާ ބުނީ "މިއީ ކެރިއަރުގެ އެންމެ އުފާވެރި އެއް ފުރުސަތު" ކަމަށެވެ.

"އަޅުގަނޑުގެ 28 އަހަރުވީ ކެރިއަރުގައި، ގައުމަށް ހިދުމަތްކުރުމަށް ފުރުސަތު ފުރަތަމަ ފަހަރަށް މި ލިބުނީ. މިއީ ދެކެމުން އައި ހުވަފެނެއް ސީދާވުން،" ސަތޯ ބުންޏެވެ.

ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މި އަހަރު ހާސިލްކުރި ސަތޯ ބުނީ އަމާޒަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހާލަތު އެއްކޮށް ބަދަލުކޮށް އެ ޓީމަކީ މި ދެކުނު އޭޝިއާ ސަރަހައްދުގެ ވަރުގަދަ ބާރަކަށް ހެދުން ކަމަށެވެ.

"އެކަމަށް އަޅުގަނޑުގެ ތަޖުރިބާގެ ބޭނުން އެކަންޏެއް ނޫން ހިފާނީ. އެސޯސިއޭޝަނާއި ކޯޗުންގެ މަޝްވަރާ އާއި ލަފާ ވެސް ހޯދާނަން،" ސްކޫލް ވޮލީބޯޅައިގެ ޗެމްޕިއަންކަން 1990 ވަނަ އަހަރު އެމްއީއެސް އަށް ހޯދައިދީގެން މަޝްހޫރުކަން ހޯދި ސަތޯ ބުންޏެވެ.

ސަތޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަތޯ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ އަންހެން ޓީމުގެ ގިނަ ކުޅުންތެރިންނަކީ، ގައުމީ ވޮލީ ތަށި ހަ ފަހަރު، އެސޯސިއޭޝަން ކަޕް 10 ފަހަރު، ވޮލީ ލީގު ތިން ފަހަރު ހޯދައިފައިވާ ސަތޯގެ ކޯޗުކަމުގެ ދަށުން ކްލަބް ލެވެލްގައި ވެސް ކުޅެފައިވާ ކުޅުންތެރިންނެވެ. އައްޑޫ ސިޓީގެ ހިޒް ކްލަބަށް 1999 ވަނަ އަހަރު ގައުމީ ތަށި ހޯދައިދީ އެ ތަށި މާލޭން ބޭރަށް ގެންދިޔަ ފުރަތަމަ ކޯޗުގެ ޝަރަފް ހޯދި ސަތޯ ބުނީ ބޭނުންވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ހުނަރުވެރިން ހޯދުން ކަމަށެވެ.

"ވޮލީބޯޅައިގެ އަންހެން އަދި ފިރިހެން ޓީމުގައި ވެސް ގިނައީ ރާއްޖެތެރޭގެ ހުނަރުވެރި ކުޅުންތެރިން. އެހެންވެ އަޅުގަނޑު ބޭނުންވަނީ އެކި ރަށްރަށަށް ދަތުރުކޮށް ހުނަރުވެރި ކުޅުންތެރިން ހޯދައިގެން ކުޅުންތެރިން ނެގުން. ހަމައެކަނި މާލެ އަށް ބަރޯސާއެއް ނުވާނަން،" ސަތޯ ބުންޏެވެ.

ކޯޓު މަތީގައި ރުޅިގަދަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ސަތޯ އަކީ ކުޅުންތެރިން މޯޓިވޭޓްކުރުމުގައި އެފަދަ ދެ ވަނަ އެއް ނެތް ފަދަ ކޯޗެއް ކަމަށް ބައެއް ކުޅުންތެރިން ފާހަގަކުރެ އެވެ. ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ކާމިޔާބު ދެ ކްލަބުގެ ތެރޭ ހިމެނޭ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބުގެ ކުރީގެ ކޯޗު ބުނީ އަންހެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް މި ފުރުސަތު ދޭން ޝައުގުވެރިވާކަމަށް (އެސޯސިއޭޝަންގެ) ރައީސް ބުނި ބުނުމަކީ އަޅުގަނޑުގެ ކެރިއަރުގެ އެންމެ އުފާވެރި އެއް ވަގުތު. މިއީ އަޅުގަނޑު އަބަދުވެސް އުއްމީދުކުރި ފުރުސަތެއް. މީގެ ބޭނުން ވަރަށް ރަނގަޅު ގޮތުގައި ހިފަން ބޭނުން،" ވޮލީބޯޅަ އެސޯސިއޭޝަނުން ހޮވި އެންމެ މޮޅު ކޯޗުގެ އެވޯޑް 2010 އާއި 2011 ވަނަ އަހަރު ހާސިލްކުރި ސަތޯ ބުންޏެވެ.

ވޮލީބޯޅައިގައި ގައުމީ ޓީމެއްގެ ބެންޗުން ފުރުސަތު ނުލިބުނަސް ސަތޯ ވަނީ ފުޓްބޯޅައިގެ ފިރިހެން ގައުމީ ޓީމުގެ މެނޭޖަރުކަންކޮށްފަ އެވެ. އަދި 2007-2011 އާ ދެމެދު ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުގެ ގޮތުގައި ވީބީ އައްޑޫ އެފްސީގެ މެނޭޖަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.