ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މީހަކު މަރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާ ދެކޮޅަށް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖާއި އިތުރު ހެކި އެބަހުރި ކަމަށް މިއަދު ކޯޓުގައި ބުނެފި އެވެ.

ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާން ކުރިތާ ހަފުތާއެއް ފަހުން ގައްބަރޭ މިއަދު ހައްޔަރުކުރީ އަމިއްލަ އަށް ފުލުހުންނާ ހަވާލުވާން ދިއުމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އޭނާ ހައްޔަރު ކުރީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ހެންވޭރު ހަބީބީ ކެފޭ ތެރެއިން ހަމަލާ ދިން ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އެހެން ދެ މީހަކު ވެސް މީގެ ކުރިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ގައްބަރޭގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، ނެރުނު އަމުރުގައި ވަނީ ގައްބަރޭގެ މައްޗަށް ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭނާ 30 ދުވަހަށް ބަންދުކުރަން ނެރުނު އަމުރުގައިވަނީ އޭނާ ދޫވެއްޖެ ނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށާއި މުޖުތަމައު އަށް ނުރައްކާ ވެދާނެ ކަމަށެވެ.

ގައްބަރޭގެ ދިފާއުގައި އޭނާގެ ވަކީލުން ބުނީ ގައްބަރޭގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ ގައްބަރޭ ބަންދުގައި ބެހެއްޓޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ގޮތުގައި، ހެކިން ދިން ބަޔާންތަކާއި ސީސީ ޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އަނިޔާ ލިބުނު މީހާގެ މެޑިކޯ ލީގަލް ރިޕޯޓާއި ފޮޓޯތަކުގެ އިތުރުން އިންޓަލިޖެންސް ރިޕޯޓް ހިމެނެ އެވެ.

މީގެ ކުރިން ވެސް މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ ގައްބަރޭ ބަންދުގައި ބައްޓަން ކޯޓުން އަމުރު ނެރުމުގައި އޭނާގެ ކުށުގެ ރެކޯޑަށް ވެސް ރިއާޔަތްކުރި އެވެ.