އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލްކުރި ފުރަތަމަ މެރެތަން ދުވުންތެރިޔާގެ ޝަރަފް 1988 ވަނަ އަހަރު ހޯދި ހުސެއިން ހަލީމް (ކުޑަހުސެން) ދުވުމުގެ ތެރެއަށް ނުކުމެ މާލޭގައި ތަމްރީންތައް ހެދީ ހެންވޭރު އަޑިޕާކުގަ އެވެ. އޭގެ އެއް އަހަރު ފަހުން ސާފް ގޭމްސްގައި ރާއްޖޭގެ މެރެތަން ރެކޯޑް ހެދިއިރު ވެސް މާލޭގައި ނަމަ ދުވީ އެތަނުގަ އެވެ. އަވިދޭ ނަމަ ބޯ ހިރަފުހުގަ އެވެ. ވާރޭ ވެހެނާމަ ޗަކައިގެ ތެރޭގަ އެވެ.
އޭރުން ފެށިގެން ކުޑަހުސެންގެ ހުވަފެނަކީ ރާއްޖޭން ބޭރުގައި އޭނާ އަށް ދުވެލަން ލިބޭ ފަދަ ރީތި ސިންތެޓިކް ޓްރެކެއް މާލެ އަށް ލިބުމުވެ. އެކަމަކު އެތައް ރެކޯޑްތަކާއި އެތައް ކާމިޔާބީތަކަށް ފަހު 1996 ވަނަ އަހަރު ބޫޓު ބޭލިއިރު ވެސް އެ ހުވަފެން އޮތީ ސީދާނުވެ އެވެ. އެ އުއްމީދު އެ ހާސިލްވީ އޭގެ 20 އަހަރު ފަހުން އިއްޔެ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އިސްވެ ހުންނަވައި، ކުރިއަށް ގެންދެވި ޕްރޮޖެކްޓެއްގެ ދަށުން މާލޭ އެކުވެނި ޓްރެކުގައި ސިންތެޓިކް އަޅައި އިއްޔެ ވަނީ ހުޅުވައިފަ އެވެ.
ޓްރެކުގައި އޮށޯވެލައިގެން އޮއްވާ ނަގާފައިވާ ފޮޓޯއަކާ އެކު ހުސެން ފޭސްބުކަށް ދޫކޮށްލީ އުފާވެރިކަމުގެ މެސެޖެކެވެ. އޭނާ ބުނި ގޮތުގައި ދުވުން ހުއްޓާލިތާ 20 އަހަރު ފަހުން މާލޭގެ ސިންތެޓިކް ޓްރެކެއްގެ ފޮނި ފޮނި މީރު ވަސް އޭނާ އަށް ދުވައިފި ކަމަށެވެ.
"މިއަދު އަހަރެން އުފަލުން ރުއިން،" އޭނާ ބުންޏެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ހުޅުމާލޭގައި 2018 ވަނަ އަހަރު ސިންތެޓިކް ޓްރެކެއް އަޅާފައިވީ ނަމަވެސް، މާލޭގައި އިއްޔެ އެޅި ޓްރެކާ އެކު އެތުލީޓުންނަށް ކުރެވޭ އިހުސާސް ތަފާތެވެ. ސަބަބަކީ ސިންތެޓިކް އެޅި އެކުވެނި ޓްރެކަކީ އެތައް ދުވުންތެރިންނެއް ކޮންމެ ދުވަހަކު ވެލީގައި ތަމްރީން ހެދިތަނަށް ވުމާއި އާއްމު އެތައް ބަޔަކު ވެސް ކަސްރަތަށް ބޭނުންކުރި ތަނަކަށްވުމެވެ.
ރާއްޖޭގައި މިހާރު ތިބި ގައުމީ ފެންވަރުގެ ދުވުންތެރިންނަކީ އެތަނުން ތަމްރީންވި ދުވުންތެރިންނެވެ. ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ސްކޫލް ދުވަސްވަރުން ފެށިގެން މާލޭގައި ނަމަ ތަމްރީން ހެދީ އެ އެތަނުގަ އެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގެ ދެމެދުން، ދާދި ފަހަކާ ޖެހެންދެން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް ވާދަކުރީ އެތަނުގަ އެވެ.
"ކިސަޑާއި ޗަކަ އާއި ހިރަފުހުގެ އެ ޓްރެކަށް އެންމެ މި ޒަމާނުގެ ސިންތެޓިކް ޓްރެކެއް ލިބުމަކީ އެތުލެޓިކްސްގެ އާއިލާ އަށް ލިބުނު ބޮޑު އުފަލެއް،" ދުވުންތެރިއަކު ބުންޏެވެ.
ކުޑަހުސެން ފަދަ ކުރީގެ ދުވުންތެރިންނަށް ނުލިބުނު ފަދަ ފުރުސަތުތަކެއް ކުރީގެ ސަރުކާރާއި މި ސަރުކާރުން މިވަނީ މިހާރުގެ ދުވުންތެރިންނަށް ތަނަވަސްކޮށްދީ މައި ދެ ރަށުގައި ސިންތެޓިކް ޓްރެކެއް އަޅައިފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވި ގޮތުގައި ދެން ޓްރެކް އަޅަންވީ އަތޮޅުތެރޭގަ އެވެ.
"ދެން ޓްރެކް އަޅަންވީ ތިނަދޫ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައި. މިއީ މިހާރު ވެސް ނެޝަނަލް ޓީމަށް އެތުލީޓުން ފީޑްކުރާ ހަތަރު ތަން،" އޭނާ ވިދާޅުވި އެވެ.
މަރުޒޫގު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި މެޑަލް ހޯދަނީ ޓްރެކް އަޅައި ހަދާ ތަމްރީންތަކުން ކަމަށާއި ރާއްޖޭގައި ޓްރެކް އެޅުނީ މެޑަލް ހޯދުމުން ކަމަށެވެ.
"ދިވެހި އެތުލީޓުންނަށް މަރުހަބާ އަދި ފާއިތުވީތާ ވީ ގުރުބާނީ އަށް ޝުކުރިއްޔާ،" މަރުޒޫގު ވިދާޅުވި އެވެ.
"ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ދުނިޔޭގެ ފެންވަރުގެ އެތައް ދިވެހި އެތުލީޓުންނެއް ފެނިގެންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން."
އެކަމަކު ޓްރެކާ އެކު ވެސް އެ އުއްމީދު ހާސިލްވާނީ މުހިއްމު އެހެންކަމެއް ފުރިހަމަވެގެން ކަމަށް ކުޑަހުސެން ދެކެ އެވެ.
"އަހަރެން އުއްމީދުކުރަން އަދި ދުއާ ކުރަން އަހަރެމެން އުފުލި ދަންމަރު، އަހުލާގާއި ހައްގު އަގާ އެކު މިއަދުގެ އެތުލީޓުން އުފުލައި ކަށިން ހިތްވަރު ނެރެ (ބައިނަލްއަގްވާމީ މައިދާނުގައި) މި ގައުމު ތަމްސީލްކުރާނެ ކަމަށް،" އޭނާ ބުންޏެވެ.