އެންމެ އުނދަގޫ ރޭސްތަކުގެ ތެރޭގައި ހިމެނޭ "އަޔަންމޭން ޓްރައިތެލޯން" ގައި ވާދަކޮށް އެރޭސް ފުރިހަމަ ކުރި ފުރަތަމަ ދިވެއްސަކީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ. އޭޕްރީލް، 2017 ގައި ދެކުނު އެފްރިކާގައި ބޭއްވި މި އުނދަގޫ ރޭހުގައި ފެތުމާއި ދުވުމާއި ބައިސްކަލް ދުއްވުމުގެ ރޭސް، އޭނާ ފުރިހަމަ ކުރީ 15 ގަޑިއިރާއި 23:38 މިނެޓުންނެވެ. އެއީ 226 ކީލޯމީޓަރުގެ ސަރަހައްދެއް ރޭސް ޖަހައިގެން ކަޑައްތު ކުރަން ޖެނުނު ބޮޑު ޗެލެންޖެކެވެ. ކުދި ފަރުބަދަތަކާއި އަޑިގުޑަން އޮތް އުނދަގޫ ދިގު ރާސްތާއެއްގައި ބައިސްކަލް ދުއްވައި، ދުވެ، ވަރުގަދަ އަށް ރާޅު ބާނިތައް ޖަހަޖަހައި އޮތް ސަރަހައްދެއްގައި ފަތަން ޖެހުނު ރޭހަށް ވުރެ މީގެ ދެ އަހަރު ކުރިން އޭނާ ފެށީ މާސިންގާ ބޮޑު މަސައްކަތެކެވެ.

ކޮވިޑް-19 އާ ގުޅިގެން 2020 ގައި މާލެ ލޮކްޑައުން ކުރުމުން، ހުސައިން ފެށި މަސައްކަތަކީ ކިރީތި ރަސޫލާގެ ސީރަތު ފޮތެއް ލިޔުމެވެ. ސްޕޯޓްސް ސައިކޮލޮޖީ އެންޑް ކޯޗިންގެ ދާއިރާއިން ޕީއެޗްޑީ ހަދައިފައިވާ ހުސައިން އަށް އޭނާގެ ދާއިރާއާ ނުގުޅޭ މުޅިން ތަފާތު މަސައްކަތެއް ފެށީ ކީއްވެގެން ހެއްޔެވެ؟

"ލޮކްޑައުން ތެރޭގައި ހިތަށް އެރި ކަމެއް މީ. ސްކޫލް ނިންމާ ޒުވާން އުމުރުފުރައިގެ ކުދިންނާ ގުޅޭގޮތަށް ލިޔެފައި އޮތް ސީރަތު ފޮތެއް ރާއްޖޭގައި ނެތޭ. އެހެންވެ ހިތަށް އެރީ މި މަސައްކަތް ކުރެވޭތޯ ބަލާނީއޭ،" ދެ އަހަރު ތެރޭ ލިޔެ ނިންމި ޑްރާފްޓާ ބެހޭގޮތުން ހުސައިން ބުންޏެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ މި ޑްރާފްޓް ނުވަ ވޮލިއުމަކަށް ހުސައިން ވަނީ ބަހާލައިފަ އެވެ. ކޮންމެ ވޮލިއުމެއްގައި 200 ވަރަކަށް ސޮފްހާ ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު މި ބުރަ މަސައްކަތަށް އޮތް ގޮންޖެހުން ބޮޑެވެ. އަދި ފޮތެއްގެ ސިފައިގައި ނެރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ހީތައް ވެސް އޭނާ އަށް ކުރެވެ އެވެ.

ހުސައިން މީގެ ކުރިން ލިޔެފައިވާ ދެފޮތެއް އޭނާ ދައްކާލަނީ: އޭނާ ވަނީ މިހާތަނަށް ތިން ފޮތެއް ނެރެފައި
ހުސައިން މީގެ ކުރިން ލިޔެފައިވާ ދެފޮތެއް އޭނާ ދައްކާލަނީ: އޭނާ ވަނީ މިހާތަނަށް ތިން ފޮތެއް ނެރެފައި

"ފޮތް ފާސްކުރަން ހުށަހަޅާތަނުން ފޮތް ފާސްކޮށް ނުދީފާނެ. ސަބަބަކީ އަޅުގަނޑަކީ ދީނީ ގޮތުން އެއްޗެއް އުނގެނި ހުރި މީހަކަށް ނުވާތީ. ރާއްޖޭގެ ބައެއް ޝައިހުން ވެސް ހިތަށް އަރައިފާނެ މިއީ ކުޑަ ހުސައިން ކަހަލަ މީހަކު ކުރަން ޖެހޭ ކަމެއް ނޫނޭ،" މީގެ ކުރިން ތިން ފޮތެއް ނެރެފައިވާ ހުސައިން ބުންޏެވެ.

"އެހެން ވެއްޖިއްޔާ ދެން ހެދޭނެ ގޮތަކީ ސިލޯން ކަހަލަ ގައުމެއްގައި ފޮތް ރަޖިސްޓްރީކޮށްފައި ބޭރުގައި ޕަބްލިޝްކުރި ފޮތެއްގެ ގޮތުގައި ރާއްޖެ ގެންނާނީ. ބޭރުގެ އެހެން ދީނީ ފޮތްތައް ވެސް ރާއްޖެ ގެނެސް ވިއްކާގޮތަށް މިފޮތް ވެސް ރާއްޖެ ގެނެސް ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރެވެނީ."

ނިއު ޒިލެންޑްގެ ޔުނިވަސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަންއިން ޕީއެޗްޑީ ހާސިލު ކުރި ހުސައިން ބުނިގޮތުގައި މިފޮތުގެ އިނގިރޭސި ފެންވަރު މަތިކުރުމަށްޓަކައި ތަޖުރިބާކާރު ބޭފުޅުންނަށް އޭނާ ހުށަހެޅުއްވި އެވެ. އެކަމަކު އެއިން ކޮންމެ ބޭފުޅަކު ވެސް ޑިމާންޑް ކުރާ އަގު ބޮޑުކަމުން އޭނާގެ ވިސްނުން ބަދަލު ކުރި އެވެ. އޭލެވެލް ނިންމި ދަރިވަރަކު ލައްވައި ފޮތުގެ އިނގިރޭސި ލެވަލް މަތި ކުރުމަށް ހުސައިން ނިންމީ އެވަރުގެ އަގެއް ދެވެން ނެތުމުންނެވެ.

ކުޑަ ހުސައިން ދުވަނީ: އަޔަންމޭން ޓްރައިތެލޯން އެއް ފުރިހަމަ ކުރި ފުރަތަމަ ދިވެއްސަކީ އޭނާ --- ފައިލް ފޮޓޯ: މިހާރު
ކުޑަ ހުސައިން ދުވަނީ: އަޔަންމޭން ޓްރައިތެލޯން އެއް ފުރިހަމަ ކުރި ފުރަތަމަ ދިވެއްސަކީ އޭނާ --- ފައިލް ފޮޓޯ: މިހާރު

"ސޯޝަލް މީޑިއާއިން ދިމާވީ ޑޮކްޓަރުކަން ކިޔަވަންދާން އުޅޭ ކުއްޖެއް. ކޯހަށް ދިިއުމުގެ ކުރިން އަޅުގަނޑު ބުނީ އޭނަ ކައިރީ މިކަން ކޮށްދެންވީނޫންހޭ. އޭނާ އެއްބަސްވީމަ އޮފީހެއް ހަމަޖައްސައިދީ ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 8000 ރުފިޔާ ދޭން ނިންމީ. ބަރާބަރު ދެ މަސްތެރޭ އޭނާ އެ މަސައްކަތް ކޮށްނިންމައިފި،" ހުސައިން ކިޔައިދިނެވެ.

ޑްރާފްޓް މުރާޖާ ކުރުމަށް ހުސައިން ވަނީ ބައެއް ބޭފުޅުންނަށް އެކި ބައިބައި ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ، އިސްލާމިކް ބޭންކިން އާއި އިކޮނޮމިކްސްގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ޑރ. އަބްދުﷲ ޝިހާމް ހުސައިން އެވެ.

"ޑރ. ޝިހާމް ވިދާޅުވި މިފޮތުގެ އިނގިރޭސި ލެވަލް ރަނގަޅޭ،" ހުސައިން ބުންޏެވެ. "ޝިހާމް އަކީ އަރަބި ބަހައި އިނގިރޭސި ބަހަށް ވެސް ފަރިތަ ބޭފުޅެއް."

ސީރަތު ފޮތް ލިޔުމުގެ ކުރިން ހުސައިން ވަނީ ބޭރުގެ އިލްމުވެރިން ލިޔުއްވާފައިވާ ސީރަތު ފޮތްތައް ދިރާސާކޮށްފަ އެވެ. އަދި ޑރ. ޔާސިރު ގާދީ އާއި މުންފުތީ މެންކު ހުށަހަޅައިދީފައިވާ ސީރަތު ސީރީޒް އަށް ހުސައިން ވަނީ ރެފަރެންސް ދީފަ އެވެ. ދެ އަހަރުގެ ތެރޭ ފޮތުގެ މަސައްކަތް ނިންމި ނަމަވެސް، އެވަރުގެ މަސައްކަތަކީ އެހާ ކުރު މުއްދަތަކުން ނިންމަން ޖެހޭނެ މަސައްކަތެއް ކަމަށް އޭނާ ނުދެކެ އެވެ.

"މިފޮތް ލިޔަން ވެގެން ދިރާސާ ކުރަމުން ދިޔައިރު އަޅުގަނޑަށް އެނގުނު ކަމަކީ ސީރަތު ފޮތް ލިޔުއްވާފައިވާ ބޭފުޅުން 15 އަހަރުވަންދެން ދިރާސާ ކުރެއްވުމަށްފަހު ސީރަތު ފޮތް ލިޔުއްވާފައި ވަނީ. އެކަމަކު އާމްދަނީ ހޯދަން މަސައްކަތް ކުރަމުން އެވަރަށް ވަގުތު ދެވެން މި ވަގުތު ނެތީ. އެވަރުގެ ތަނަވަސްކަމެއް ލިބި ފުރިހަމަ ސިއްހަތެއްގައި ހުރިއްޔާ އިންޝާ ﷲ އެވަރަށް ވަގުތު ހޯދައިގެން މަސައްކަތެއް ކުރާނަން،" އަމިއްލަ ނަމުގައި އެކަޑަމީއެއް ވެސް ހިންގާ ހުސައިން ބުންޏެވެ.

ބައިސްކަލުގައި ހުސައިން ދުއްވާފައި ދަނީ:
ބައިސްކަލުގައި ހުސައިން ދުއްވާފައި ދަނީ:

ސްޕޯޓްސް ކޯޕަރޭޝަނުން 2017 ގައި ބޭއްވި ދުވުމުގައި މެދުނުކެނޑި 24 ގަޑިއިރު ވަންދެން ޓްރެކް ދަނޑު ވަށައިގެން ދުވި، ހުސައިން ބުނި ގޮތުގައި ސިސީރަތު ފޮތް ލިޔުމަކީ އޭނާ މިހާތަނަށް ފުރިހަމަ ކުރާ އެންމެ ބޮޑު ޗެލެންޖެވެ. ރޭހެއްގެ މިސާލު ޖަހަމުން އޭނާ ބުނީ ރޭސް ނިމުނީމަ އެހާހިސާބުން ރޭސް ނިމުނީ ކަމަށެވެ. އެކަމަކު ސީރަތު ފޮތެއް ލިޔުމަކީ އެ މަސައްކަތް ފުރިހަމަކޮށް ނިމޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ޕީއެޗްޑީ ތީސިސް ވެސް އެ މުއްދަތުގެ ތެރޭގައި ނިންމީމަ ނިމުނީ. އިތުރަކަށް ލިޔާކަށް ނުޖެހޭނެ. އަޔަން މޭން ވެސް ނިމުނީމަ ނިމުނީ އަނިޔާވެގެން ވެސް ރޭސް ނިމުނީމަ ނިމުނީ. ރިކަވާވެގެން އަނެއްކާވެސް އަނެއް ރޭހަށް ތައްޔާރު ވާނީ،" ކޯޗު އެންޑް އެތުލީޓް ރިލޭޝަންޝިޕް މައުލޫއަށް ޕީއެޗްޑީ ތީސީސް ލިޔުނު ހުސައިން ބުންޏެވެ.

"އެކަމަކު މިކަހަލަ މަސައްކަތެއް ވިއްޔާ އަބަދުވެސް އިތުރަށް ފުރިހަމަ ކުރަން ޖެހޭ އިތުރަށް ރަނގަޅު ކޮށްލަން ޖެހޭ ކަންކަން ހުންނާނެ. ފޮތް ޗާޕް ކުރުމަށް ފަހު ވިސްނަން ރިވިއު ކުރަމުންދާން. ދުނިޔޭގައި ހުރިއްޔާ ރިވިއު ކުރުމަށްފަހު އަލުން އެޑިޝަންތައް ނެރެމުން ގެންދާނަން. އެއީ އަބަދުވެސް ފޮތެއް ލިޔެފިއްޔާ ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުންނާނެ."

ރިވިއު ކުރުމުގެ މަރުހާލާގައިވާ މިފޮތް ލިޔުމަށް ހަފުތާގެ ފަސް ދުވަހުގައި ކޮންމެ ދުވަހަކު 10 ގަޑިއިރު ހޭދަ ކުރި ކަމަށް ހުސައިން ބުންޏެވެ. މީއީ ދިގު ރޭހަކަށް ވުރެ މާ ޓަފް މަސައްކަތެއް ކަމަށް އޮލިމްޕިކްސްގައި ދެފަހަރަށް ވާދަކުރި ކުރީގެ ދުވުންތެރިޔާ ސިފަ ކުރި އެވެ.