ޓްރާންސްޕޯޓް އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ސޮލަރެލް އިންޝުއަރެންސް އިން ހަލް އިންޝުއަރެންސް ކޮށްދިނުުގެ ހިދުމަތް ފަށައިފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހަލް އިންޝުރެންސްގެ ހިދުމަތް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށެވެ.

"އޮޑިވެރިންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި މި ހިދުމަތް ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ހަލް އިންޝުއަރެންސްގެ ދަށުން އޮޑިދޯނިފަހަރާއި އޮޑިވެރިޔާ އަށް ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީން ކޮށްދެ އެވެ. އެ ގޮތުން، އުޅަނދާއި އޭގެ އާލާތްތައް އަދި ފަޅުވެރިންނާއި ފަސިންޖަރުންނަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އޮގަސްޓް މަހު ހަމަޖައްސާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑު އުޅަނދުތައް ދުއްވޭނީ އިންޝުއަ ކޮށްގެން ކަމަށެވެ. އެ ހިދުމަތް ދިނުން އެލައިޑް އިންޝުއަރެންސް ކުންފުންޏާ އެކަނި ހަވާލުކޮށްފައިވާތީ، އޮޑިވެރިންނާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން، ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އިންޝުއަރެންސްގެ ހިދުމަތް ދޭ ހުރިހާ ކުންފުނިތަކަށް ވެސް ހަލް އިންޝުއަރެންސް ދެވޭނެ ކަމަށެވެ.