ހުޅުމާލެ ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑުނީ އެ ތަނުގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. 

މިއަދުގެ މެންދުރު 2:30 ހާއިރު ހުޅުމާލެ 2 ގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ އެއްކޮށް ހައްލުކޮށް، އެއްކޮށް ކަރަންޓު ދިނީ ހަވީރު ހައެއް ޖަހާކަންހާއިރު އެވެ. 

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނު ކަމަށެވެ.

ހިދުމަތް މެދުކެނޑުނު ސަރަހައްދުތައް:

  • ހިޔާ ޓަވަރު 5، 6، އަދި 7
  • ވިނަރެސްގެ 10 ޓަވަރު
  • އަމާން ދޯދި 12، 13، 14، 15، އަދި 16
  • އަމާން އުދަރެސް 5، އަދި 6
  • އެމްޕީއެލް ޓަވަރުތައް

"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ. 

ސްޓެލްކޯ އިން ބުނީ، ހުޅުމާލެ 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.