ޔަމަނުގެ ހޫތީންގެ އަމާޒުތަކަށް ސައުދީ އަރަބިއްޔާ އިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ވައިގެ މަގުން 50 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
މިިދިޔަ ޖުލައި މަހު ޔަމަންގެ ދާހިލީ ހަނގުރާމަ އަލުން ފެށުނު ފަހުން، ހޫތީން ދަނީ ސައޫދީ އަރަބިއްޔާގެ މަދަދާ އެކު ހަރަކާތްތެރިވާ ޔަމަންގެ ސަރުކާރުގެ ފައުޖުތަކާ އަލުން ކުރިމަތިލުންތައް ހިންގަމުންނެވެ. އެއީ، އެ ޖަމާއަތުން ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް (ކަނޑުމަގުން ހުރަސްއެޅުމެއް) އިއުލާނުކޮށް، ރަތްކަނޑުގައި ދަތުރުކުރާ ސައޫދީގެ އުޅަންދުތަކަށް ހަމަލާދޭން ފެށި ހިސާބުންނެވެ.
ފަހުގެ ކުރިމަތިލުންތައް ހިނގާފައިވަނީ ހޫތީން ހަފުތާއެއްވަންދެން ދިން ނުރައްކާތެރި ހަމަލާތަކަކަށްފަހު އެވެ. މި ހަމަލާތަކާއެކު އެ ޖަމާއަތުން ވަނީ ޔަމަންގެ ރަތްކަނޑުގެ އައްސޭރިފަށުގެ ބާރު ހޯދައި، ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް އޮތް ކޮންޓްރޯލް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅު ބަންދުކޮށްފައިވާއިރު، ބާބުލް މަންދަބު ކަނޑުއޮޅަކީ ސައޫދީގެ ތެޔޮ ބޭރުކުރުމަށް އޮތް އެންމެ މުހިންމު އެއް މަގެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ސައުދީން ވަނީ 58 ހަމަލާ ދީފަ އެވެ. މީގެ ތެރޭގައި ހޫތީންގެ ބާރު އޮންނަ ސާދާ އާއި އަލް ޖައުފް ސަރަހައްދަށް ދިން ހަމަލާތައް ހިމެނެ އެވެ. މީގެ އިތުރުން ބޯޑަރު ސަރަހައްދުތަކަށް ވެސް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަފުތާ ތެރޭގައި ހޫތީން ވެސް ވަނީ ސައުދީގެ ތެޔޮ ރައްކާކުރާ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިއީ ހޫތީން މިހާތަނަށް ސައޫދީއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކަށް ވާއިރު އެ ހަމަލާތަކުގައި 73 މީހަކު ޒަހަމްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ސައުދީން މި ހަމަލާތަކާ ގުޅޭ ގޮތުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް 86،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ ޔަމަން ދޫކޮށް ޖިބޫތީ ފަދަ ގައުމުތަކަށް ހިޖުރަކުރަން ފަށައިފަ އެވެ. ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ ބަޔަކު މަރުވެ، އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފަ އެވެ.
އެމެރިކާގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ހޫތީންނަށް ހަމަލާ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާ އިން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. -- އޭއެފްޕީ