ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯއްޗާއި ފްލެޓް ވިއްކާ ކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ބުނީ މައުލޫމާތު ހޯދުމަށް ކަމަށް ބުނެ އެ ކުންފުނިން މެސެޖުތަކާއި ފޯން ކޯލުތަކާއި ލިންކުތައް އެއްވެސް މީހަކަށް ނުފޮނުވާނެ ކަމަށެވެ.

އެފަދަ ކަމަކަށް އެއްވެސް ފޯން ކޯލެއް ނުވަތަ މެސެޖެއް ނުވަތަ ލިންކެއް އެ ކުންފުނީގެ ނަމުގައި ފޮނުވާފައިވާނަމަ އެކަމަށް ސަމާލުވުމަށް އެޗްޑީސިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޑީސީގެ ނަމުގައި ސްކޭމް ހިންގަމުން އަންނައިރު، މީގެ ކުރިން ވެސް އެ ކުންފުނީގެ ނަމުގައި އެކިއެކި ސްކޭމްތައް ވަނީ ހިންގައިފަ އެވެ.

އޭގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމާއި ގުޅޭ ސްކޭމްތަކާއި އެކިއެކި ބޯހިޔާވަހިކަމުގެ ސްކީމްތަކާއި ގުޅޭ ސްކޭމްތައް ހިމެނެ އެވެ.

މީގެ ކުރިން ވެސް އެކި މުއައްސަސާތަކުގެ ނަމުގައި އެފަދަ ސްކޭމް ކޯލުތައް ވަނީ ހިންގައިފަ އެވެ. އަދި އެފަދަ ބައެއް ސްކޭމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އޮތީ އިލްތިމާސްކޮށްފަ އެވެ.