އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ ތަރި ޖެނިފާ ލޯރެންސް، ގިނަ އަހަރުތަކަކަށް ފަހު އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި، ސޯޝަލް މީޑިއާ ބޭނުންކުރަން ފަށައިފި އެވެ.
އޭނާ އެކައުންޓް ހުޅުވާފައި ވަނީ "jlaw@" އޭކިޔާ ހެންޑަލްއިންނެވެ.
އެކައުންޓް ހުޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާއަށް ވަނީ އެތައް މިލިއަން ފޮލޯވަރުން ލިބިފަ އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ ހަ މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ.
އިންސްޓަގްރާމްގައި އޭނާ އާންމުކުރި ފުރަތަމަ ރީލްގައި ޖެނިފާ ވަނީ އޭނާގެ އާންމު މަޖާ މިޒާޖުގައި، ސޯޝަލް މީޑިއާގައި ނެގެޓިވް ނުވަތަ ހިތްހަމަނުޖެހޭ ކޮމެންޓެއް ކޮށްފި ނަމަ ވަގުތުން އެކައުންޓް ޑިލީޓްކޮށްލާނެ ކަމަށް ބުނެ ސަމާސާކޮށް އިންޒާރެއް ދީފަ އެވެ.
އޭނާ ބުނެފައި ވަނީ "އެކަކުވެސް ނެގެޓިވް އެއްޗެއް ލިޔެފި ނަމަ އެއްވެސް ސުވާލެއް ނުކޮށް ވަގުތުން ހުއްޓާލާނަން" ކަމަށެވެ. އަދި އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައި ވަނީ "ނެގެޓިވް ކޮމެންޓްތަކުގެ ސަބަބުން ކުޑަކުއްޖާއަށް އަސަރުކޮށްފާނެތީ ސަމާލުވާންވާނެ" ކަމަށާއި އެ ކުޑަކުއްޖަކީ އޭނާ ކަމަށް ބުނެ ބުނެ ސަމާސާކޮށްފައިވެ އެވެ.
ޖެނިފާގެ ޕްރޮފައިލް ފޮޓޯއަކަށް ލާފައި ވަނީ ސެލޫނެއްގައި އިސްތަށިގަނޑުގައި ކުލަޖައްސަން އިނދެ، ބުއިމެއް ބޯން އިންދާ ނަގާފައިވާ އާދައިގެ ފޮޓޯއެކެވެ.
މީގެ ކުރިން ޖެނިފާއަކީ ސޯޝަލް މީޑިއާއާ ވަރަށް ދުރުގައި އުޅުނު ތަރިއެކެވެ.
އިންޓަވިއުތަކުގައި އޭނާ މީގެ ކުރިން ބުނެފައި ވަނީ އިންޓަނެޓުގައި އާންމުން ދައްކާ ނެގެޓިވް ވާހަކަތަކާއި ފާޑުކިއުންތަކާ ކުރިމަތިލާން ބޭނުންނުވާތީ ސޯޝަލް މީޑިއާގައި ރަސްމީ އެކައުންޓެއް ނުގެންގުޅޭ ކަމަށެވެ.