އެމްސީޔޫގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

އަންނަ ޑިސެމްބަރު މަހު 18 ގައި ރިލީޒްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ކުރީގެ އެވެންޖާސް ފިލްމުތައް ވެސް އުފެއްދި އެންތަނީ އަދި ޖޯ ރުސޯ (ރުސޯ ބްރަދާސް) އެވެ.

އަޔަންމޭންގެ ރޯލަށް ފަހު ރޮބަޓް ޑައުނީ ޖޫނިއާ އެނބުރި މާވެލްއާ ގުޅޭ މި ފިލްމުގައި އޭނާ ކުޅެނީ މާވެލްގެ އެންމެ ނުރައްކާތެރި އެކަކު ކަމަށްވާ ޑޮކްޓާ ޑޫމްގެ ރޯލެވެ.

ޓްރެއިލާގައި ތޯ ފޮނުވާލާ "ސްޓޯމްބްރޭކާ" ހަތިޔާރު، ޑޮކްޓާ ޑޫމް އަތުން ހިފަހައްޓާ މަންޒަރު ފެނެ އެވެ. ތޯ ބުނާ ގޮތުން ޑޫމްއަކީ ތޭނޯސްއަށް ވުރެ ވެސް މާ ނުރައްކާތެރި ބާރެކެވެ.

ކެޕްޓަން އެމެރިކާގެ ރޯލު ކުޅޭ ކްރިސް އީވާންސް ވެސް އެނބުރި މާވެލްއަށް އަންނަ މި ފިލްމުގައި، ތޯގެ އާދަޔާޚިލާފު 'ހެމާ" އޭނާ އުފުލާ މަންޒަރު ވެސް ޓްރެއިލާގައި ފެނެ އެވެ. 

މި ފިލްމުގައި މާވެލްގެ ހަތަރު ވަކި ދުނިޔެއެއްގެ ކެރެކްޓަރުން އެކުގައި ފެންނާނެ އެވެ. އެއީ ޕްރޮފެސާ އެކްސް (ޕެޓްރިކް ސްޓެވާޓް)، މެގްނީޓޯ (އިއަން މެކެލެން)، ސައިކްލޯޕްސް އަދި ގޭމްބިޓް އެވެ. 

މި ޓްރެއިލާ އިން ސްޕައިޑަމޭން (ޓޮމް ހޮލަންޑް) އަދި ވުލްވަރީން (ހިއު ޖެކްމަން) ނުފެނުނު ކަމުގައި ވިޔަސް، ފިލްމުގެ މައިގަނޑު ވާހަކައިގެ ތެރޭގައި އެމީހުން ހިމެނޭނެ ކަމަށް ބެލެވެ އެވެ. މާވެލްގެ ސްޕައިޑަމޭންގެ އާ ފިލްމު މި މަހު 31 ގައި ރިލީޒްކުރާނެ އެވެ. 

"އެވެންޖާސް: ޑޫމްސްޑޭ"އަށް ފަހުގައި ދެން ގެނެސްދޭ މީގެ ދެވަނަ ފިލްމު ""އެވެންޖާސް: ސީކްރެޓް ވޯސް" ރިލީޒްކުރަނީ އަންނަ އަހަރު ޑިސެމްބަރު 17 ގަ އެވެ.