ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ސަރަހައްދީ ގައުމުތަކަށް ފުޅާވެ ނުތަނަވަސްކަން އިތުރުވެފައި ވަނިކޮށް ދެކުނު ލުބްނާންގައި އިޒްރޭލުން ދިން ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ އިސް ކޮމާންޑަރެއް އިއްޔެ އަވަހާރަކޮށްލައިފި އެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނީ މިއި އިޒްރޭލު ސިފައިންނާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ތިން މަސް ދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކުގައި "ކޮމާންޑަރެއް" މަރުވި ފުރަތަމަ ފަހަރު ކަމަށެވެ.

އަވަހާރަކޮށްލި ވިސާމް ހަސަން ތަވީލް އަކީ ލުބްނާންގެ ދެކުނުގައި ހިންގާ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރެއްވި ކޮމާންޑަރެއް ކަމަށްވެ އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އަވަހާރަކޮށްލީ އޭނާގެ ކާރަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއެއްގައި ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން، ލުބުނާނުގައިވާ ހިޒްބުﷲގެ އަސްކަރީ ތަންތަނަށް އިއްޔެ ހަމަލާ ދީފައި ވާނެ ކަމަށް ބުންޏަސް އިތުރަށް އެކަމުގައި ވާހަކައެއް ނުދައްކަ އެވެ. --އޭއެފްޕީ