ކ. ހިންމަފުށިން 10 އަހަރަށް ފަހު ދޫކުރާ 288 ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި، ގޯތީގެ ލިޔުން ހަވާލުކޮށްފި އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ، އެ ރަށުން ދޫކުރި 288 ގޯއްޗަށް އެދި 486 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. ގޯއްޗަށް އިއުލާނުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ހިންމަފުށީ ސްޓޭޖު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ގުރުއަތު ނަގާފައިވަނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އަދި ޕޮއިންޓް އެއްވަރުވެފައިވާ ނަމަ ލިސްޓްގައިވާ ތަރުތީބުންނެވެ. އެ މީހުންނާ ވަނީ ގޯތި ލިބުނު ކަމުގެ ލިޔުން ވެސް ރޭ ހަވާލުކޮށްފަ އެވެ.
ފާއިޒް ވިދާޅުވީ، އެ ރަށުން އިތުރަށް ގޯތި ދޫކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އާބާދީގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ހިންމަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. އެކަމަކު އެއީ 38 ގޯއްޗެވެ.
އެ ރަށުން ގޯތި ދޫކުރަން ނިންމާފައިވަނީ ރަށުގެ ބިން އިތުރުކުރުމަށް 2015 ވަނަ އަހަރު ހިއްކި 21.6 ހެކްޓަރުގެ ސަރަހައްދުންނެވެ. އެ ސަރަހައްދުން ބިން ދޫކުރުމަށް 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ހުޅުވާލި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގޯތި ދޫކުރުން ކެންސަލްކުރީ އެވެ.