އެމެރިކާގައި ހިންދީ ބަސް ކުރިއަރުވަން ކުރާ މަސައްކަތްތަކާ ގުޅިގެން އެ ގައުމުގައި މިހާރު ނުވަ ލައްކަ އަށް ވުރެ ގިނަ މީހުން އެ ބަހުން ވާހަކަ ދައްކާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އެމެރިކާގައި ހުންނަ އިންޑިއާ އެމްބަސީގެ ޗާޖް ޑި އެފެއާޒް އަމިތު ކުމާރު ވިދާޅުވި ގޮތުގައި އެމެރިކާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހިންދީ ބަހުގެ ނުފޫޒު އަންނަނީ ގަދަވަމުންނެވެ. އަދި މިއީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.
އަމިތު ވިދާޅުވި ގޮތުގައި އެމެރިކާގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން އިތުރުވާ މައިގަނޑު ސަބަބަކީ އެމްބަސީ އިސް ނަގައިގެން ހިންދީ ބަސް ކިޔަވައިދޭން ހިލޭ ކުރިއަށް ގެންދާ ކުލާސްތަކެވެ. މި ކުލާސްތަކަށް އެމެރިކާގެ ރައްޔިތުންގެ އިތުރުން އެމެރިކާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހަމަމިއާ އެކު އެމެރިކާގެ ވަރަށް ގިނަ ސްކޫލްތަކުގައި ވެސް ހިންދީ ބަސް ކިޔަވައިދެމުން އަންނަކަން އަމިތު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެންމެ އުފާކުރާ ކަމަކީ އެމެރިކަން ކޮމިއުނިޓީ ސާވޭ (އޭސީއެސް) އިން އެންމެ ފަހުން ހެދި ސާވޭ އިން، އެމެރިކާގައި ހިންދީ ބަހުން ވާހަކަ ދައްކާ މީހުން ނުވަ ލައްކަ އަށް ވުރެ ގިނަކަން ދައްކާތީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
"މި ބަހަށް މީހުން ލޯބި ޖެހޭ ސަބަބުތަކުގެ ތެރޭގައި ޓޫރިސްޓުންގެ ގޮތުގައި އިންޑިއާ އަށް ޒިޔާރަތްކުރާ މީހުންނާއި ވިޔަފާރި އާއި އެހެން ބޭނުންތަކުގައި ވެސް އިންޑިއާ އަށް ދާ މީހުން އިތުރުވުން ހިމެނޭ،" އަމިތު ވިދާޅުވި އެވެ. "އަދި ސީދާ ބަސް ދަސްކުރުމުގެ ބޭނުމުގައި އިންޑިއާ އަށް މީހުން ޒިޔާރަތްކުރާކަން ފާހަގަކުރެވޭ."
އޭނާ ވިދާޅުވި ގޮތުގައި މި ޓްރެންޑާ އެކު ހިންދީ ބަސް އެމެރިކާގައި ހިލޭ ކިޔަވައިދޭން އެމްބަސީން ކުރިއަށް ގެންދާ ކުލާސްތައް ކުރިއަށް އޮތް ތަނުގައި ފުޅާކުރާނެ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެ ކުލާސްތައް ކުރިއަށް ގެންދަނީ ޖޯޖް ވޮޝިންޓަން ޔުނިވަސިޓީ އާއި ޖޯޖްޓައުން ޔުނިވަސިޓީ ގުޅިގެންނެވެ.
"ފާއިތުވި ދެ އަހަރު މިކަމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު." އަމިތު ވިދާޅުވި އެވެ. "ހިންދީ ބަސް ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނަށް ދަސްކުރުމަކީ އިންޑިއާގެ މުއްސަނދި އަދަބިއްތާޔަށް ވެސް ޝައުގުވެރިކަން އުފެދި، ހިންދީ ބަހަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ."
ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންދީ ބަހުގެ މަގުބޫލުކަން ބޮޑުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި ހިންދީ ބަހުން ނެރޭ ބޮލީވުޑްގެ ފިލްމުތަކާއި އިންޑިއާގެ ޓީވީ އުފެއްދުންތަކުގެ ނުފޫޒު ވެސް ހިމެނެ އެވެ.