އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ހިންދީ ލަވައެއް ކިޔައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ނެރުނު އެ ލަވައަކީ އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ އާޕާން ކުމާރް (ކިންގް)، މިދިޔަ އަހަރު ނެރުނު އޭނާގެ ލަވައެއްގެ އާ ވާޝަނެކެވެ. މި އާ ވާޝަންގައި ކިންގްއާ އެކު ނިކް ވެސް ލަވަ ކިޔަ އެވެ.
"މާން މޭރީ ޖާން -- އާފްޓަ ލައިފް"ގެ ނަން ދީފައިވާ މި ލަވައިގައި ނިކްގެ ބައި ކިޔާފައި ވަނީ އިނގިރޭސިންނެވެ. ހިންދީ ލިރިކްސްތައް، ކުރީ ލަވައެކޭ އެއްގޮތަށް ކިންގް ކިޔާފައި ވާއިރު، ނިކް ވެސް ވަނީ ލަވައިގެ ކޯރަސްގައި ކިޔާ "މާން މޭރީ ޖާން" ވަކި ހިސާބަކުން ކިޔައިފަ އެވެ.
އިންޑިއާގެ މަޝްހޫރު އެކްޓްރެސް، ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ކަމަށްވާ ނިކްއާއެކު މި ލަވައިގެ ރިމޭކެއް ހަދަން ލިބުމުން ކިންގް ހުރީ ވަރަށް އުފަލުންނެވެ.
"މިއީ ދުވަހަކު ވެސް ހަނދާނުން ފިލާނެ ދުވަހެއް ނޫން. އަހަންނަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ނިކްގެ ވަރަށް ބޮޑު ފޭނެއް. އަހަރެން ރަސްމީކޮށް މިއުޒިކް ނެރެން ފެށުމުގެ ކުރިން ވެސް، ނިކްއާއެކު މަސައްކަތް ކުރުމުގެ ހުވަފެން ދުށިން،" ކިންގް ބުންޏެވެ.
މި ލަވަ ނެރުމާއެކު، ނިކް އާއި ކިންގްގެ ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ޔޫޓިއުބުގައި މި ލަވައަށް މިހާރު ވަނީ މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.