ބެލްފާސްޓް (ޖެނުއަރީ 5) - ނޮދަން އައިލެންޑުގެ ބެލްފާސްޓުގެ ކުއީންސް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ހަމަޖައްސައިފި އެވެ.
ހިލަރީ އަކީ އެ ޔުނިވާސިޓީގެ 11 ވަނަ ޗާންސެލަރެވެ. އަދި ކްއީންސް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާ އެވެ.
ހިލަރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކްއީންސް ޔުނިވާސިޓީގެ ޗާންސެލަރަކަށް ހަމަޖެއްސުމަކީ އެކަމަނާ އަށް ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށެވެ. އެކަމަނާ ހަމަޖައްސާފައި ވަނީ ފަސް އަހަރުގެ މުއްދަތަށެވެ.
ކްއީންސް ޔުނިވާސިޓީގެ ޗާންސެލަރަކަށް ހިލަރީ ހަމަޖެއްސި ނަމަވެސް ޔުނިވާސިޓީ ހިންގުމުގައި އެކަމަނާގެ ދައުރެއް ނޯންނާނެ އެވެ. އެއީ ރަމްޒީ މަގާމެކެވެ. ހިލަރީ ބައިވެރިވެވަޑައިގަންނަވާނީ ގްރެޖުއޭޝަން ފަދަ މުހިންމު ހަފުލާތަކުގަ އެވެ. ޔުނިވާސިޓީގެ އެމްބަސަރެއްގެ ގޮތުގައި ވެސް ބޭރު ގައުމުތަކުގައި އެކަމަނާ ހަރަކާތްތެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ޔުނިވާސިޓީގެ ވައިސް-ޗާންސެލަރު ޕްރޮފެސަ އިއާން ގްރީރް އާއި ސީނިއާ މެނޭޖްމަންޓުގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހިލަރީ މަސައްކަތް ކުރައްވާނެ އެވެ.
އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ އަށް 2018 ވަނަ އަހަރު ކްއީންސް ޔުނިވާސިޓީން ވަނީ އޮނަރަރީ ޑިގްރީއެއް ވެސް އަރުވައިފަ އެވެ.
ހިލަރީ އެންމެ ފުރަތަމަ ނޮދަން އައިލެންޑަށް ވަޑައިގެންނެވީ ފިރިކަލުން ބިލް ކްލިންޓަން އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު ނޮވެމްބަރު 1995 ގައި ކްލިންޓަން އަރިހުގަ އެވެ. ރައީސް ކްލިންޓަނަކީ މަގާމުގައި ހުންނަވައިގެން ނޮދަން އައިލެންޑަށް ވަޑައިގެންނެވި އެމެރިކާގެ ފުރަތަމަ ރައީސް އެވެ. އޭގެ ފަހުން ހިލަރީ ގެންދަވަނީ ވަރަށް ގިނައިން ނޮދަން އައިލެންޑަށް ވަޑައިގަންނަވަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ މަގާމަށް 2009 ވަނަ އަހަރު ހިލަރީ ހަމަޖެއްސީ ރައީސް ބަރަކް އޮބާމާ އެވެ. ހަތަރު އަހަރު މަގާމު އަދާކުރެއްވުމަށް ފަހު އެކަމަނާ ވަކިވެވަޑައިގެންނެވީ 2013 ވަނަ އަހަރު އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް، ހިލަރީ ދާދި ފަހުން ވިދާޅުވެފައި ވަނީ މި އަހަރުގެ އިންތިޚާބުގައި ޓްރަމްޕާ އެކަމަނާ އަނެއްކާވެސް ވާދަކުރެއްވުމަށް ވަރަށް ގިނަ ބަޔަކު ޕްރެޝަރު ކުރަމުންދާ ކަމަށެވެ.