ލަންޑަން (ނޮވެމްބަރު 13) - އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނުކުތުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ވަނީ ވައިޓް ހައުސްގެ ރޭހަށް ނުކުމެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމަށް ދެކޮޅު ހައްދަވައިފަ އެވެ. ޑިމޮކްރެޓިކް ޕާޓީން މިހާތަނަށް ވަނީ 17 ކެންޑިޑޭޓަކު އިންތިޚާބަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

ދަރިކަނބަލުން ޗެލްސީއާ އެކު ލިޔުއްވި ފޮތް ޕްރޮމޯޓް ކުރުމަށް ލަންޑަނަށް ވަޑައިގެން ބީބީސީ ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ، 72، ވިދާޅުވީ ރައީސް ކަމަށް ވާދަކުރެއްވުމާ މެދު އަބަދުވެސް ވިސްނަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ވިސްނަން 2016 ގައި ޓްރަމްޕް ބަލިކުރެވުނު ނަމަ ކޮން ކަހަލަ ވެރިއަކަށްތޯ އަޅުގަނޑު ވާނީ. ކޮން ކަމެއްތޯ ތަފާތުކޮށް ކުރެވޭނީ،" އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ނިއު ޔޯކުގެ ކުރީގެ ސެނެޓަރު ވިދާޅުވި އެވެ. "އަޅުގަނޑު އެކަމާ ވިސްނަން. ދެން އޮންނަ އިންތިޚާބު ކޮންމެ މީހަކަށް ކާމިޔާބު ކުރެވުނު ނަމަވެސް، ނެތިކޮށްލާފައިވާ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭނެ."

އެންމެ ފަހު މިނިޓުގައި އިންތިޚާބަށް ކުރިމަތިލައްވަން ނިންމަފާނެތޯ ސުވާލު ކުރުމުން ހިލަރީ ވިދާޅުވީ އެއްވެސް ކަމެއް ނުވާނެ ކަމަށް ވިދާޅުނުވާނެ ކަމަށެވެ.

"އިންތިޚާބަށް ކުރިމަތިލުމާ މެދު އަޅުގަނޑު އަަލުން ވިސްނުމަށް ވަރަށް ގިނަ ބައެއްގެ ފަރާތުން ޕްރެޝަރު އާދޭ،" ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ވިދާޅުވި އެވެ. "އެކަމަކު މި ވަގުތު، މި ސްޓޫޑިއޯގައި އިނދެ އަޅުގަނޑުގެ ޕްލޭނުގައި އެކަމެއް ނެތް."

ވައިޓް ހައުސް އަށް ވަޑައިގަތުމަށް ޕްރެޝަރު ކުރައްވާ ފަރާތްތަކުގެ ނަމެއް ހިލަރީ ވިދާޅެއް ނުވެ އެވެ.