ނިއު ޔޯކް (މާޗް 5) - އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ހިލަރީ ކްލިންޓަން ނިންމަވައިފި އެވެ.

"އިންތިޚާބުގައި އަޅުގަނޑު ވާދައެއް ނުކުރާނަން. އެކަމަކު އަޅުގަނޑު ގަބޫލްކުރާ އުސޫލްތަކައިގެން ތެދުވާނަން،" ނިއު ޔޯކުގެ ނިއުސް 12 ޗެނަލްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2016 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި ހިލަރީ އަށް ނާކާމިޔާބުވެވަޑައިގެންނެވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ކުރިމަގުގައި ޕަބްލިކް އޮފީހަކަށް ވަޑައިގެންފާނެތޯ ނިއުސް 12 އިން ސުވާލު ކުރުމުން އެކަމަނާ ވިދާޅުވީ "ވަރަށް ހީނުވާ" ކަމަށެވެ.

އަންނަ އަހަރުގެ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ހިލަރީ ނުކުމެވަޑައިގެންފާނެ ކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މިއީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ސީދާ ބަހުން ހިލަރީ ވިދާޅުވި ފުރަތަމަ ފަހަރެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ އަށް މިހާތަނަށް ވަނީ 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި 2016 ގެ ޕްރައިމަރީގައި ހިލަރީއާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ވާމަންޓް ސެނޭޓާ ބާނީ ސެންޑާސް ހިމެނެ އެވެ.

ހިލަރީ އަކީ އެމެރިކާގެ ތާރީޚުގައި ވެސް ބޮޑު ޕާޓީއަކުން އިންތިޚާބަށް ނޮމިނޭޓްކުރި ފުރަތަމަ ކެންޑިޑޭޓެވެ.