ފުޑް އެންޑް ބެވެރެޖާސް (އެފްއެންޑްބީ) ނުވަތަ ކެއިންބުއިމުގެ ދާއިރާ އަށް ހާއްސަ ކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޝޯ އާޓް ގެލަރީގައި މިއަދު ހުޅުވައިފި އެވެ.
ހައިރައިޒް އިން އިންތިޒާމް ކޮށްގެން ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި ޝޯ ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މި ޝޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހައިރައިޒްގެ ސޭލްސް މެނޭޖަރު ގެބްރިއެލާ މިލްކޯވާ ވިދާޅުވީ މި ޝޯ އަކީ އެފްއެންޑްބީ ވިޔަފާރީގައި އުޅޭ ހުރިހާ ފަރާތްތަކާއި އާންމުންނަށް ވެސް އެ ދާއިރާގައި މިހާރު ހުރި ހިދުމަތްތަކާއި އަގުތަކާއި އުފެއްދުންތައް ދެނެގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މި ޝޯ މެދުވެރުކޮށް އެފްއެންޑްބީ ދާއިރާގެ އެހެން މާކެޓްތަކާ ގުޅުން ބަދަހިކޮށް އާ ފުރުސަތުތައް ހޯދުމަށް މަގުފަހި ވާނެ. އަދި މި ދާއިރާގެ މާހިރުންނާ ޚިޔާލު ބަދަލު ކޮށްލުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ،" ގެބްރިއެލާ ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އެންޑޯޒްކޮށްފައިވާ މި ޝޯ ހުޅުވައިދެއްވަމުން މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެފްއެންޑްބީ ވިޔަފާރި އަކީ ރާއްޖޭގެ ޓޫރިޒަމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ވިޔަފާރި ކަމަށެވެ. އެހެންވެ، މިފަދަ ޝޯއަކުން އެ ވިޔަފާރިތައް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި ވާދަވެރި މާހައުލެއް އުފެދި، ކުންފުނިތައް ކުރިއަރުވަން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ. މި ޝޯގެ މައި ސްޕޮންސަރަކީ ލިލީ އެންޓަޕްރައިސަސްގެ ނެސްލޭ އެވެ. އަދި ކޯ ސްޕޮންސަރުންގެ ތެރޭގައި އެސްޓްރަބޯން، ސަނީ އެންޓަޕްރައިސަސް، މުނި ހޯމްކެއާ އަދި ކޮކާކޯލާ ހިމެނެ އެވެ.
މި ޝޯގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ބްރިޖް އިމްޕޯޓް އެންޑް ޓްރޭޑިން، ހެޕީ މާކެޓް، ސީގަލް ފުޑްސް، ވެލް ލޭންޑް އިންވެސްޓްމަންޓް، އައި ޓޭސްޓް އަދި މުޑުވާލި ފަދަ އެ ދާއިރާގެ ގިނަ ކުންފުނިތައް ހިމެނެ އެވެ.
މީގެ އިތުރުން، ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ނަސީބުވެރިއެއް ހޮވައި، އަގުހުރި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އުނދުނާއި ބަދިގޭގައި ގެންގުޅޭ އެކި ސާމާނު އަދި ކޮކާކޯލާ ކުންފުނިން އުފައްދާ އެކި ކަހަލަ ބުއިންތަކުގެ ފަސް ކޭސް ކޮންމެ ރެއަކު ދޭނެ އެވެ.
މި ޝޯ ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ.