އަލީ އުމަރު ފުރުއްވަމުން އައި ސްޕޯޓްސްގެ ކޮމިޝަނަރުގެ މަގާމަށް އޭނާގެ ކުރީގެ ކޯޗު އަދި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) މިއަދު، ރައީސް އިބްރާހިމް ސޯލިހު އައްޔަންކުރައްވައިފި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ހީނާ ސަލީމް އައްޔަންކުރެއްވީ މިނިސްޓަރުގެ ނައިބް ފެންވަރުގަ އެވެ.

ކުޅިވަރު މިނިސްޓްރީގެ ދަށުގައި ހުންނަ މި އޮފީހުގެ ވެރިޔާކަމުން މިދިޔަ މާޗު 13 ވަނަ ދުވަހު އަލީ އުމަރު ވަކިކުރެއްވީ، އެނގިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކާ އޭނާގެ ވިސްނުމާ ފުށުއެރުންތަކެއް ހުރުމުންނެވެ. ވަގުތީ ގޮތުން އެ މަގާމް ފުރުއްވީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުން ހޮވިވަވަޑައިގެންނެވި، އެ މަޖިލީހުގެ ރައީސް އިބްރާހިމް އިސްމާއިލެވެ. އެކަމަކު ގާނޫނު ބުނާ ގޮތުން، ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި އެހެން ފަރާތެއް ކޮމިޝަނާ އޮފް ސްޕޯޓްސްއަކަށް ރައީސް އައްޔަންކުރަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް އާ ބޭފުޅަކު ރައީސް އައްޔަންކުރައްވާފައިވަނީ އެ މުއްދަތު ހަމަވި ފަހުންނެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ހީނާ ސަލީމަކީ ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި، ރެފްރީއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި ހިންގުންތެރިއެއްގެ ގޮތުގައި އަގުހުރި އެތައް ހިދުމަތްތަކެއްކުރައްވާފައިވާ ބޭފުޅެކެވެ.

ޒުވާން ދުވަސްވަރު ފުޓްބޯޅަ، ކްރިކެޓް، ހޮކީ، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް، ޓެނިސް ކުޅުއްވައި ބައިސިކަލް ރޭސްތަކުގައި ވެސް ވާދަކުރެއްވި ހީނާ ސަލީމަކީ އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމު ކަމަށްވާ 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ޓީމުގެ އެންމެ ޒުވާން މެމްބަރެވެ. އޭގެ ފަހުން 1985 ވަނަ އަހަރު އެ ގޭމްސްގައި ބެޑްމިންޓަނުން މެޑަލް ހޯދިއިރު ހިމެނިވަޑައިގެންނެވި އެވެ. މީގެ އިތުރުން 1984 އަދި 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވުންތެރިއެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކުރެއްވި އެވެ.

ކްލަބް ވެލެންސިއާ 1979 އަހަރު ވުޖޫދު ކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ހީނާ ފާހަގަކުރެއްވެނީ އެ ކްލަބުގެ ލެޖެންޑެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ ވަނީ 1991 ވަނަ އަހަރު ޔޫތު ސްޕޯޓްސް ކްލަބް އުފައްދަވައި ޒުވާން ކުޅުންތެރިންނަށް މަގެއް ކޮށައިދެއްވައިފަ އެވެ. އެ މަސައްކަތް ފުޅާކުރެއްވީ 2004 ވަނަ އަހަރު އާލީ ޓަޗް ފުޓްބޯލް އެކަޑަމީގެ ނަމުގައި ފެށްޓެވި މަސައްކަތާ އެކު އެވެ. މެދުކެނޑުމެއްނެތި ކުޑަކުދިން ތަމްރީން ކުރައްވަމުން އަންނައިރު އެ މަސައްކަތް ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށް ވެސް ވަނީ ފުޅާކުރައްވައިފަ އެވެ. އަދި އެ އެކަޑަމީގެ ޓީމަކުން ވަނީ މިދިޔަ އަހަރު ސްރީ ލަންކާގައި އޮތް ޖޫނިއާ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ.

ފުޓްބޯޅައިގެ ސީނިއާ ލެވެލްގެ ކޯޗިންގައި ހީނާގެ ތަޖުރިބާ ބޮޑުވެފައި ކާމިޔާބީތައް ގިނަ އެވެ. އޭނާ އަކީ ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު އެސިސްޓަންޓް ކޯޗެވެ. އަދި ރާއްޖޭގެ 17 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ގައުމީ ކޯޗުކަން ވެސް ކުރި އެވެ. މީގެ އިތުރުން އަހުމަދިއްޔާ ސްކޫލާއި އަމީރު އަހުމަދު ސްކޫލަށް ކޯޗުކޮށްދީ ތަށި ހޯދައިދީފައިވެ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ފޯވާޑް އަލީ އުމަރަކީ އޭރުގެ އުފެއްދުންތަކެވެ. މީގެ އިތުރުން އޭނާގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ ވަނީ 1995 ވަނަ އަހަރުގެ ކަޕްވިނާސް ކަޕް ކާމިޔާބުކޮށް އެ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ދެ ވަނަ ބުރަށް ދިޔަ އެވެ. އަދި 1997 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ޕޮމިސް ކަޕް ކާމިޔާބުކޮށްދެއްވި އެވެ.

ފުޓްބޯޅަ ރެފްރީކަން ވެސް ކުރި ހީނާ ވަނީ ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ 1987 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ރެފްރީކަންކޮށްފަ އެވެ. ކުޅިވަރުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 1994 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ހީނާ ސަލީމަށް ވަނީ މިދިޔަ އަހަރުގެ މިހާރު އެވޯޑްސްގައި މުހައްމަދު ޒާހިރު ނަސީރު އެވޯޑް (ލައިފްޓައިމް އެވީޗްމަންޓް އެވޯޑް) ދެއްވައިފަ އެވެ.