މިދިޔަ ހަފްތާގައި 22 މީހަކަށް ހިމަބިހި (މީސްލްސް) ޖެހި، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 166 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ހިމަބިހި ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މިދިޔަ ހަފްތާގައި ހިމަބިހި ޖެހިފައިވާ 22 މީހަކު މާލޭ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އެހެންވެ، ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ފަށާފައިވާއިރު، މިހާތަނަށް 9،918 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ވަކި ވަގުތުތަކެއްގައި ވެކްސިން ޖެހުމުގެ ހިދުމަތްދޭނެ އެވެ.
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ.