ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން އެޗްޑީސީން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ. 

އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. 

ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ބޭނުމަކީ އެޗްޑީސީން ބުނި ގޮތުގައި ގާބިލް ޒުވާނުން އުފައްދައި ޒުވާނުން ވަޒީފާ އަށް އަހުލުވެރި ކުރުވުމެވެ. 

އެޗްޑީސީން ބުނީ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމްގައި ބައިވެރިވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.  

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ. އެއީ ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އާއި  ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން އަދި ސާވޭއިން ޓެކްނީޝަން ދާއިރާ އެވެ. 

އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެ ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ އެވެ. 

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފަށާނީ އަންނަ އޮގަސްޓްގަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. 

އެޗްޑީސީން ބުނީ ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.