ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް އިން މާކިއުރީގެ 200، 250 އަދި 300 ހޯސްޕަވަރުގެ 8 ސިލިންޑަރުގެ އިންޖީނު ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކޮށްފި އެވެ.

ދުނިޔެ އަށް މަޝްހޫރު މާކިއުރީ އިންޖީނު ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިއްކަމުން އަންނަ ހަސަން މެރިން އިންޖިނިއަރިން އިން ބޭއްވި ހަފްލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމް ވިދާޅުވީ، ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފުކުރީ އެމެރިކާގެ މާކިއުރީ މެރިން އިން އޭޝިއާ ސަރަހައްދަށް ޚާއްސަ ކޮށްގެން އުފެއްދި އިންޖީނުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރަކީ ކޮމާޝާލް މާކެޓެއް ކަމަށް ވާތީ ކަސްޓަމަރުން ބޭނުން ވަނީ ގިނަ ދުވަހު ބޭނުން ކުރެވޭ، ވަަރުގަދަ އިންޖީނެއް ކަމަށް ހަސަން ވިދާޅުވި އެވެ.

ރަސްފަންނު ޕެވިލިއަންގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މާކިއުރީ މެރިން އޭޝިއާގެ ޖެނެރަލް މެނޭޖަރު ބިލް މެކަތޮން ވިދާޅުވީ، މެރިން އިންޖީނުގެ މާކެޓަށް އުފެއްދުންތައް ތައާރަފް ކުރާއިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ގިނަ ދުވަހު ގެންގުޅެވޭ، އަބަދު ވެސް ބަރޯސާވެވޭ އިންޖީނުތަކެއް އުފެއްދުމަށް ކަމަށެވެ. އަދި މިއަދު ރާއްޖެއަށް ތައާރަފް ކުރި ތިން އިންޖީނު ވަނީ 1،000 ގަޑި އިރަށް ވުރެ ގިނަ ވަގުތު ޓެސްޓް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން މެރިން އިން ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކުރި، މާކިއުރީ ބްރޭންޑުގެ އާ އިންޖީނުތައް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހަސަން މެރިން އިން ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކުރި، މާކިއުރީ ބްރޭންޑުގެ އާ އިންޖީނުތައް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބިލް ވިދާޅުވީ ހަސަން މެރިންއާ އެކު 10 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެއީ އެ ދާއިރާގައި ރާއްޖެއިން މިހާތަނަށް ލިބުނު އެންމެ ރަނގަޅު ވިޔަފާރި ޕާޓްނަރު ކަމަށެވެ.

މީގެ 19 އަހަރު ކުރިން 1999 ވަނަ އަހަރު ހަސަން މެރިން އިންޖިނިއަރިން އުފެއްދީ އޮޑިފަހަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެކަމަކު، އެ ވިޔަފާރި ފުޅާކުރަމުން އައިސް 2009 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަކީ އެމެރިކާގެ މާކިއުރީ މެރިންގެ އޯތަރައިޒްޑް ޑިސްޓްރިބިއުޓާ ވެސް މެ އެވެ.