އޮޑިދޯނިފަހަރަށް ހާއްސަ އެލައިޑުގެ އިންޝުއަރެންސް ސްކީމް "ހަލް އިންޝުއަރެންސް" އަށް އާންމުން އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާއާ އިނާމު ހަވާލު ކޮށްފި އެވެ.
އެލައިޑާއި ހަސަން މެރިން އިންޖިނިއަރިން އިން މި އަހަރުގެ ފެބްރުއަރީ ހަތަކުން އޭޕްރިލްގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ "އައިރިސް" އުޅަނދު އިންޝުއާ ކުރި އަހުމަދު ރަޝީދެވެ.
ރަޝީދަށް އިނާމެއްގެ ގޮތުން ދިނީ ހަސަން މެރިން އިން ވިއްކާ މާކިއުރީ ބްރޭންޑުގެ 4ސްޓްރޯކް 30 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެކެވެ.
ހަލް އިންޝުއަރެންސް ސްކީމާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދީ، އަހުލުވެރި ކުރުމަށް މި ޕްރޮމޯޝަންގެ އިތުރުން ތަފާތު ހަރަކާތްތައް އެލައިޑުން ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން، ފުވައްމުލަކުގައި ކައްޓެޅި މަސް ބޭނުމުގެ މުބާރާތެއް ވެސް ބޭއްވި އެވެ.
މިއީ އޮޑިދޯނިފަހަރާއި އޮޑިވެރިޔާ އަށް ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީން ކޮށްދޭ ސްކީމެކެވެ. އެގޮތުން، އުޅަނދާއި އޭގެ އާލާތްތައް އަދި ފަޅުވެރިންނާއި ޕަސެންޖަރުންނަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބެ އެވެ.