މެލޭޝިއާގައި އިއްޔެ އާއި އޭގެ ކުރީ ދުވަހު ބޭއްވި ހެކަތޮންގައި ދިވެހި ޓީމެއް ކާމިޔާބު ކޮށްފި އެވެ.

ގްލޯބަލް ޔުނިވަސިޓީއެއް ކަމަށް ވާ "މައިންޑްވެލީ ޔުނިވަސިޓީ" ން ބޭއްވި ހެކަތޮން ހުޅުވައިލީ އެ ތަނުގައި މަސައްކަތް ކުރާ މީހުންނަށެވެ. ޓެކްނޮލޮޖީގެ އެކި ކަންކަމަށް ހާއްސަ ކޮށްގެން ބޭއްވި މި ހެކަތޮންގައި މުޅިއެކު 40 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮޖެކްޓް މެނޭޖުކުރާ މީހުން ވެސް ހިމެނެ އެވެ.

މި މުބާރާތް ކާމިޔާބު ކުރީ މައިންޑްވެލީ ޔުނިވަސިޓީގައި މަސައްކަތް ކުރާ، އެތަނުގެ ހެޑް އޮފް ޕްރޮޑަކްޓް ޑިޒައިން ރާއްޖޭގެ ޝާފިއު ހުސައިންގެ ޚިޔާލަކަށް މަސައްކަތް ކުރި ސީނިއާ ޕްރޮޑަކްޓް ޑިޒައިނާ ނަސްރުﷲ އަދްނާން (ނައްޓު) އާއި ހެޑް އޮފް އިންފްރާސްޓްރަކްޗާ އެންޑް ޕްރޮޑަކްޓް މެނޭޖަރު އަހްމަދް ރިޔާޒީ މުހައްމަދު އަދި ސީނިއާ އައިއޯއެސް ޑިވެލޮޕަރު މުހައްމަދު މާއިލް ހިމެނޭ ދިވެހި ޓީމެވެ.

އެ ޓީމްގެ ލީޑަރު ޝާފިއު "މިހާރު" އަށް ކިޔައިދިން ގޮތުގައި މި ހެކަތޮން އަކީ އެ ތަނުގައި މަސައްކަތް ކުރާ މީހުންނަށް، އެ މީހުންގެ ޚިޔާލުތަކަށް އެއްޗެއް ބިނާކުރުމަށް ހުޅުވައިލި ހެކަތޮން އެކެވެ. ޝާފިއު ބުނީ މި ހެކަތޮންގައި ބައިވެރިވެރިވާ މީހުން މަސައްކަތް ކުރަން ބޭނުންވާ ޚިޔާލެއް ހުށަހެޅުމުން، އެ ޚިޔާލު ތަރައްގީ ކުރަން ބޭނުންވާ އެހެން މީހުންނާ އެކު ޓީމެއް ހަދަނީ ކަމަށެވެ. ދެން އެ ކަމަށް ދީފައިވާ 36 ގަޑިއިރުގެ ވަގުތުކޮޅުގެ ތެރޭގައި އެ ޚިޔާލު ތަރައްގީކޮށް ހުށަހަޅަނީ ކަމަށް ޝާފިއު ބުންޏެވެ.

އޭނާ ބުނިގޮތުގައި، މި ހެކަތޮންގައި ބައިވެރިވީ ހަމައެކަނި ދިވެހިން ހިމެނޭ ޓީމެއް ނޫނެވެ.

"ކޮންމެހެން ވިސްނައިގެނެއް ނޫން ދިޔައީ ހަމައެކަނި ދިވެހިން ތިބޭ ޓީމެއް ހަދާކަށް. އަޅުގަނޑުމެން ހުށަހެޅި ހިޔާލަށް މަސައްކަތް ކުރަން ބޭނުންވީ ދިވެހިންތަކެއް،" ޝާފިއު ބުންޏެވެ.

ދިވެހިން ހިމެނޭ ޓީމުގެ ޚިޔާލުތައް މިވަގުތު އާންމުންނާ ހިއްސާ ކުރާކަށް އެ ޓީމުން ބޭނުމެއް ނޫނެވެ. އެކަމަކު، މުސްތަގުބަލްގައި އެކަން ވެސް ހިއްސާ ކުރާނެ ކަމަށް ޝާފިއު ބުންޏެވެ.

މި މުބާރާތް ކާމިޔާބު ކުރީ، ރާއްޖޭގެ އެކި ކުންފުނިތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގަ އާއި އަމިއްލަ ގޮތުން ސޮފްޓްވެއާ ޑިވެލޮޕްމަންޓުގެ ދާއިރާގައި މަސައްކަތް ކުރި މީހުންނެވެ. އަދި އެ މީހުންނަށް މި ދާއިރާއާ ގުޅޭ ރަސްމީ ތައުލީމު ލިބިފައި ނެތް ނަމަވެސް ޝައުގުވެރިވާ ނަމަ އެ ދާއިރާއިން ކުރިއަށް ދެވޭނެ ކަމަށް ޝާފިއު ބުންޏެވެ.

"އަޅުގަނޑު ދިވެހިންނަށް ބުނެލަން ބޭނުންވަނީ ކޮންމެހެން މި ކަހަލަ ދާއިރާތަކަށް ރަސްމީ ތައުލީމެއް ލިބިފައި ނުވި ކަމުގައި ވިޔަސް އަމިއްލަ އަށް މަސައްކަތް ކޮށްގެން ވެސް ކުރިއަށް ދެވޭނެއޭ،" އޭނާ ބުންޏެވެ.

މައިންޑްވެލީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޅިއަކު ތިން މިލިއަން ދަރިވަރުންނަށް ކިޔަވާ ދެމުން އަންނަ އޮންލައިން ޔުނިވާސިޓީ އެކެވެ. މި ޔުނިވާސިޓީގެ ކްލާސްތައް އާންމުކޮށް އޮންލައިންކޮށް ބޭއްވި ނަމަވެސް ބައެއް ކްލާސްތަކަށް ހާޒިރުވެ ކުރިއަށް ގެންދެވޭނެ އެވެ. މައިންޑްވެލީގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެނީ ޕާސަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެވެ.

މައިންޑްވެލީގައި 54 ގައުމެއްގެ 300 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ގެންދެ އެވެ.