ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ޒަމާނީ ފެންވަރުގެ ހިދުމަތްތަކާ އެކު، އަތުގައި ގެންގުޅޭ ފޯނު ނުވަތަ ލެޕްޓޮޕް ފަދަ ޓެކްނޮލޮޖީގެ އާލާތްތަކުން ކަސްޓަމަރުން ބޭނުން ވަރަށް ގިނަ ކަންކަން ކުރެވެ އެވެ. ފައިސާ ފޮނުވުމާއި ވިޔަފާރި ކުރުން އަދި ބިލް ދެއްކުން ފަދަ ކަންކަމަކީ މިހާރު ފަސޭހަކޮށް ކުރެވޭ ކަންކަމެވެ.
އެ ހިދުމަތްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އީޖާދީ އާ ހިޔާލުތައް ހޯދައި، ބޭންކުގެ ހިދުމަތްތަކުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ހޯދައިދިނުމުގެ އަޒުމުގައި ބީއެމްއެލް އިން މިދިޔަ ހުކުރު ދުވަހު ވަނީ "އިނޮވޭޓިވް ލެބް ހެކަތޮން" ގެ ނަމުގައި ހެކަތޮން އެއް ފަށައިފި އެވެ.
އެ ހެކަތޮންގައި ޑިވެލޮޕަރުންނާއި، ޕްރޮގްރާމަރުންނާއި ވިޔަފާރި އާއި އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ މީހުން ބޭންކުގެ ހިދުމަތްތަކުގައި ބޭނުންކުރާނެ ފަސޭހަ ގޮތްތައް ހޯދަން މަސައްކަތްކުރެ އެވެ.
ހޮޓެލް ޖެންގައި ތިން ދުވަހަށް ކުރިއަށް ދާ އެ ހެކަތޮންގައި ގިނަ ޒުވާން ޑިވެލޮޕަރުންނާއެކު 30 އަށް ވުރެ ގިނަ ބައިވެރިން ހިމެނެ އެވެ.
ހެކަތޮންގެ މެންޓާއެއްގެ ގޮތުގައި ހަރަކާތްތެރިވާ ސޮފްޓްވެއާ ޑިވެލޮޕަރު ނާއިލް އަބްދުއްރަހްމާން އިއްޔެ ބުނީ މިފަދަ ހެކަތޮންތައް ޑިވެލޮޕަރުންގެ ކޮމިއުނިޓީއަށް ވަރަށް މުހިންމު ކަމަށެވެ. އެއީ އެންމެން އެއްތަންވެ، ގުޅުން ބަދަހިވުމާއި ބީއެމްއެލް އާއި ޑިވެލޮޕަރުންނާ އޮންނަ ގުޅުން ވަރުގަދަވާނެތީ ކަމަށް އޭނާ ބުންޏެވެ.
ޑިވެލޮޕަރުންނަކީ ވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް ވެފައި، އެ މީހުންނަށް ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް، ހެކަތޮންގެ ސަބަބުން ފަސޭހަވާނެ ކަމަށް ނާއިލް ބުންޏެވެ.
"އޭގެ ސަބަބުން ބީއެމްއެލްއަށް ވަރަށް ފައިދާ ވާނެ. އެކަމަކު، އެއަށް ވުރެ ބޮޑަށް ބައިވެރިންނަށް، އެއީ އެކި މީހުންނާ ބައްދަލުވެ، އިތުރު ހުނަރުތައް ހޯދުމުގެ ފުރުސަތު ހެކަތޮން އިން ލިބޭނެތީ،" ނާއިލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އެހެން ކުންފުނިތަކުން އައިސް އުޅޭ މީހުންނަށް ޑިވެލޮޕަރުންގެ މަސައްކަތް ފެނި، އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް މިފަދަ ކަންކަމުގެ ސަބަބުން ހުޅުވޭނެ އެވެ.
ބީއެމްއެލް ހެކަތޮންއާ އެކު މުހިންމު ދެ ނަތީޖާއެއް ނިކުތުމަށް ނާއިލު އުންމީދުކުރެ އެވެ. އެއީ އެ ކޮމިއުނިޓީގެ މެދުގައި ގުޅުން ބަދަހިވުމާއި ހެކަތޮންގައި ބައިވެރިވާ ޓީމުތަކަށް އާމްދަނީއެއް ވަންނަ ފަދަ ދޮރެއް ހުޅުވިގެން ދިއުމެވެ.
"ބީއެމްއެލް އިނޮވޭޝަން ލެބް އެބައިން. އެތަނުގައި މަސައްކަތް ކުރާ ދުވަސްވަރަކީ ޑިވެލޮޕަރުން އިތުރަށް ކުރިއަރާ ދާން ލިބޭނެ ފުރުސަތެއް،" ނާއިލް ފާހަގަކުރި އެވެ.
ބީއެމްއެލް ހެކަތޮން މިއަދު ނިންމާލާއިރު، އެ ހެކަތޮން އިން އެންމެ ރަނގަޅު ތިން ޓީމެއް ހޮވާނެ އެވެ. އެ ޓީމުތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާ އެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބުގައި ހަ މަސްދުވަހު މަސައްކަތް ކުރަން ލިބޭއިރު، އެ މުއްދަތުގައި މަސައްކަތް ކުރާނެ ތަނާއި، ކޮންމެ މަހަކު 20،000ރ ގެ އެލަވަންސެއް ޓީމުތަކަށް ލިބެ އެވެ.
"އެބައުޅޭ އެކިވަރުގެ ބައިވެރިން. ވަރަށް ރަނގަޅު ޕްރޮޑްކްޓްތައް ވެސް އެބަ ފެނޭ. ފެށިއިރު އެހާ ޔަގީންނުވެ ފެށި އެއްޗެހި ވެސް މިހާރު އެބަހުރި ވަރަށް ރަނގަޅަށް ޑިވެލޮޕް ވެފަ. ވަރަށް ފޯރީގައި ހުރިހާ ބައިވެރިން ވެސް އެބަ މަސައްކަތް ކުރޭ،" ނާއިލް ބުންޏެވެ.
ހެކަތޮންގައި ބައިވެރިވާ އުމުރުން 18 އަހަރުގެ ވެބް ޑިވެލޮޕަރު ޔޫސުފް ސައީދު ބުނީ ބީއެމްއެލް ހެކަތޮން އަކީ ތަފާތު މީހުންނާ ބައްދަލުވެ، ފުރިހަމަ ތަޖުރިބާއެއް ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުގެ މާ ގިނަ ތަޖުރިބާއެއް އަދި ނެތް. އެކަމަކު މިތާ އެބަތިބި ވަރަށް ދުވަސްވީ ތަޖުރިބާކާރު މީހުން. އެ މީހުންނާ ބައްދަލުވެ، އެ މީހުން ކަންކަން ކުރާ ގޮތް ފެނި ދަސްވުމަކީ ވަރަށް ރަނގަޅުކަމެއް،" ޔޫސުފް ކިޔައިދިނެވެ.
މިފަދަ ހެކަތޮންއެއް ކުރިމަގުގައި ބާއްވާ ނަމަ، އޭގައި ބައިވެރިވުމަށް ދިވެހި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުން އަދި އެކަމަށް ޝައުގުވެރިވާ މީހުނަށް ޔޫސުފް ގޮވާލި އެވެ.
"ހެކަތޮންގެ ތަޖުރިބާ ވަރަށް އިންޓްރެސްޓިން. ތަފާތު ހިޔާލުތައް އެބަ ފެނޭ ޓީމުތަކުން. ޖުމްލަކޮށް މިތަނުގެ ހިދުމަތްތަކާއި، ކޯޑިނޭޝަން އަދި މެންޓަރުންގެ އެހީތެރިކަން ވެސް ވަރަށް ފުރިހަމަ،" ޑިވެލޮޕަރެއްގެ ގޮތުގައި ހެކަތޮންގައި ބައިވެރިވާ އަހްމަދު މަހްފޫޒް ބުންޏެވެ.
އޭނާ ބުނީ ބީއެމްއެލް ހެކަތޮން އަކީ ޑިވެލޮޕަރުންގެ ކޮމިއުނިޓީއަށާއި، ކުރިމަގުގައި ރާއްޖޭގެ ޒުވާނުން ކުރިއެރުމަށް ވެސް ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
އެކަކު އަނެކެއްގައި ގައިގާ ހުންނަ ހުނަރު ދަސްވެ، އެންމެން ގުޅުން ބަދަހިވުމަކީ، މަހްފޫޒްގެ ނަޒަރުގައި ވެސް، މި ހެކަތޮންގެ އެންމެ މުހިންމު އެއް ބޭނުމެވެ.
ހެކަތޮން ކާމިޔާބު ކުރާ ތިން ޓީމެއް މިއަދު އިއުލާނުކުރާނެ އެވެ. އެ ޓީމުތަކުން އިނޮވޭޓިވް ލެބުގައި ތަރައްގީ ކުރާ ސޮލިއުޝަން، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގައި ބީއެމްއެލް އިން ގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިގުމުއްދަތަކަށް އެ ސޮލިއުޝަންގެ ކަންކަން ބަލަހައްޓާނީ އެ އުފެއްދި ޓީމުތަކުންނެވެ.