ބީއެމްއެލްގެ ހިދުމަތްތަކުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް އީޖާދުކުރުމުގެ ބޭނުމުގައި "އިނޮވޭޓިވް ލެބް ހެކަތޮން" ގެ ނަމުގައި ހެކަތޮންއެއް މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި 30 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ހޮޓެލް ޖެންގައި ފެށި ހެކަތޮން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ އެވެ.

ޑިވެލޮޕަރުންނާއި، ޕްރޮގްރާމަރުންނާއި ވިޔަފާރި އާއި އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްގެން، ބޭންކުގެ ހިދުމަތްތަކުގައި ބޭނުން ކުރާނެ ފަސޭހަގޮތްތައް ހޯދުމަށް މި ހެކަތޮންގައި ބައިވެރިން މަސައްކަތްކުރާނެ އެވެ.

ބީއެމްއެލް "އިނޮވޭޓިވް ލެބް ހެކަތޮން" ގައި 30 އަށް ވުރެ ގިނަ ބައިވެރިން ހިމެނޭ ---ފޮޓޯ: ބީއެމްއެލް
ބީއެމްއެލް "އިނޮވޭޓިވް ލެބް ހެކަތޮން" ގައި 30 އަށް ވުރެ ގިނަ ބައިވެރިން ހިމެނޭ ---ފޮޓޯ: ބީއެމްއެލް

މި ހެކަތޮންގައި ޓީމުތަކުން 48 ގަޑިއިރު ތެރޭގައި ފައިނޭންޝަލް ޓެކްނޮލޮޖީގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅަން ޖެހޭނެ އެވެ.

އެފަދަ އިޖާދީ ހިޔާލާއި، ހައްލުތަކުގެ ތެރޭގައި ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ހަރަދުތައް ބެލެހެއްޓޭނެ އިންތިޒާމެއް ހޯދުން ނުވަތަ ރީޓެއިލް ސޮފްޓްވެެއާތަކާ ގުޅިފައިވާ އިލެކްޓްރޯނިކް ކޭޝް ރެޖިސްޓާއެއް އުފެއްދުން ފަދަ ކަންކަން ބީއެމްއެލްގެ ވެބްސައިޓުގައި މިސާލެއްގެގޮތުން ފާހަގަކޮށްފައިވެ އެެވެ.

އެ ހެކަތޮން އިން އެންމެ ރަނގަޅު ތިން ޓީމެއް ހޮވާނެ އެވެ. އެ ޓީމުތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާ އެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބުގައި ހަ މަސްދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ އެވެ.

ބީއެމްއެލް "އިނޮވޭޓިވް ލެބް ހެކަތޮން" ގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުން. ---ފޮޓޯ: ބީއެމްއެލް
ބީއެމްއެލް "އިނޮވޭޓިވް ލެބް ހެކަތޮން" ގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުން. ---ފޮޓޯ: ބީއެމްއެލް

އެންމެ ރަނގަޅު ޓީމުތަކުން ހުށަހަޅާ ސޮލިއުޝަންތައް ބޭންކާ އެކު އެއްބަސްވެވޭ އަގެއްގައި ގަންނާނެ އެވެ.

އެ ޓީމުތަކުގެ ސޮލިއުޝަން ތަރައްގީކުރަން ލިބޭ މުއްދަތުގެތެރޭގައި މަސައްކަތް ކުރުމަށް ހާއްސަ ތަނަކާއި، ކޮންމެ މަހަކު 20،000ރ. ގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއްބަސްވުމެއްގެ ދަށުން ދިގުމުއްދަތަކަށް އެ ސޮލިއުޝަންތަކުގެ ކަންކަން ބަލަހައްޓާނީ އުފެއްދި ޓީމުތަކުންނެވެ.

ހެކަތޮން ކާމިޔާބުކުރާ ޓީމުތައް ހޮވާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ބީއެމްއެލް "އިނޮވޭޓިވް ލެބް ހެކަތޮން" ގައި ބައިވެރިން މަޝްވަރާކުރަނީ ---ފޮޓޯ: ބީއެމްއެލް
ބީއެމްއެލް "އިނޮވޭޓިވް ލެބް ހެކަތޮން" ގައި ބައިވެރިން މަޝްވަރާކުރަނީ ---ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން މިދިޔަ ހަފްތާ ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ވަގުތީ މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރުއްދީން ވިދާޅުވީ މި ހެކަތޮންގެ އަމާޒަކީ ދިވެހި ޓެކް ކޮމިއުނިޓީގެ އެންމެ ވިސްނުންތޫނު އަދި އެންމެ އުފެއްދުންތެރި މީހުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން އެހީވުމާއި ބޭންކުގެ ހިދުމަތްތަކުގައި ލުއިފަސޭހަ ގޮތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކިން އިންޑަސްޓްރީއަށް އިންގިލާބެއް ގެނައުމަށް ޑިވެލޮޕަރުންނާއި ފިންޓެކް ކޮމިއުނިޓީގެ ޝައުގުވެރިކަން ފެންނަމުން ދަނީ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެކަތޮން މެދުވެރިކޮށް އީޖާދީ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ހައްލުތައް ލިބި، ކާމިޔާބުވާ ޓީމުތަކުން އެ މީހުންގެ ހިޔާލު ހަގީގަތަކަށް ހަދަން އެހީތެރިވާން، އާ އިނޮވޭޝަން ލެބުން އިންތިޒާރުކުރައްވާ ކަމަށެވެ.