މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ހއ. އުތީމުގައި ބާއްވަން ހަމަޖައްސައިފި އެވެ. 

ރައީސް އޮފީހުން ބުނީ މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާނެ ކަމަށެވެ.

އެ ޖަލްސާ ބާއްވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގަ އެވެ. 

ރައީސް އޮފީހުން ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް ކަމަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ކަމަށާއި ހިދުމަތުގެ ގައުމީ އިނާމު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ގައުމީ އިނާމަށް ބޭފުޅުން ހޮވީ ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެއް ކަމަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މިދިޔަ އަހަރު ވެސް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވީ އުތީމުގަ އެވެ. 

މިދިޔަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ހއ. އުތީމުގައި.-- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ހއ. އުތީމުގައި.-- ފޮޓޯ: ރައީސް އޮފީސް

މި އަހަރާއި މިދިޔަ އަހަރުގެ ގައުމީ ދުވަސް އުތީމުގައި ފާހަގަކުރަން ރައީސް މުއިއްޒު ނިންމަވައި، އެކަން ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ. މީގެ ކުރިން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަބަދުވެސް ބާއްވަނީ މާލޭގަ އެވެ.

ގައުމީ ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. މި އަހަރުގެ މީލާދީ އަހަރުގެ ކަލަންޑަރުން އެ ދުވަސް ދިމާވަނީ މާދަމާއާ އެވެ. 

ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށް ކުރެއްވި ޖިހާދުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އުތީމަކީ ބޮޑުތަކުރުފާނުގެ އުފަން ރަށެވެ.

މުހައްމަދު ތަކުރުފާނަކީ އުތީމު ހުސައިން ހަތީބުގެ ހަތަރު ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަކީ އެ ހަތަރު ބެއިންގެ އާއިލީ ގެކޮޅެވެ.

އެ ގެކޮޅަށް ތާރީހީ ގޮތުންނާއި ގައުމީ ގޮތުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެނީ އެ ތަކުރުފާނުގެ ތިން ބޭކަލުން ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި ކާމިޔާބު ޖިހާދުގެ ސަބަބުންނެވެ. އެއީ މުހައްމަދު ތަކުރުފާނުގެ އިތުރުން ހަސަން ތަކުރުފާނު އަދި އަލި ތަކުރުފާނުގެ ސަބަބުންނެވެ.