ގަލްފް ކްރާފްޓް ލޯންޗްފަހަރުގައި ސުޒުކީ އައުޓްބޯޑް އިންޖީނު އަޅަން އިސްކަން ދިނުމާބެހޭ އެއްބަސްވުމެއްގައި ރޭ ސޮއި ކޮށްފި އެވެ.
ސަމާސެޓް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތާއި ގަލްފް ކްރާފްޓް ރާއްޖޭ ގޮފީގެ ސީއީއޯ އާވިން ބެންޕްސް އެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ސުޒުކީން ކަނޑައަޅާފައިވާ ކުންފުންޏެވެ.
ރޭގެ ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ސުޒުކީ އައުޓްބޯޑް އިންޖީނު ވާނީ ގަލްފް ކްރާފްޓުގެ "ޕްރިފާޑް އައުޓްބޯޑް މޯޓާ އިންޖީން" ޕާޓްނަރަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ގަލްފް ކްރާފްޓާ އެކު އިތުރު އެއްބަސްވުންތައް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްބަސްވުމުގެ ދަށުން ސުޒުކީ އިންޖީން އަޅަން ގަލްފް ކްރާފްޓުން އިސްކަންދޭނެ. އެއާއެކު އަޅުގަނޑުމެންގެ މާކެޓް ޝެއާ އިތުރަށް ވަރުގަދަވެގެން ދާނެ. ވަރަށް ބޮޑަށް ގަލްފް ކްރާފްޓަށް ޝުކުރު އަދާކުރަން އަޅުގަނޑުމެން ޚިޔާރުކުރުމުން،" ޒިޔަތު ވިދާޅުވި އެވެ.
އާވިން ވިދާޅުވި ގޮތުގައި ގަލްފް ކްރާފްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯންޗް ބަންނަ ކުންފުންޏެވެ. އަދި އެ ކުންފުނިން އަބަދު ވެސް ބަލަނީ ޕާޓްނަރުންނާ ގުޅިގެން ވީހާވެސް ރަނގަޅު، ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭތޯ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޓީސީސީއާ ގުޅެން ނިންމީ އެއީ ރާއްޖޭގެ އެންމެ ރިލަޔަބަލް އެއް ކުންފުނި ކަމަށް ވީމަ. އެމްޓީސީސީ އަކީ މިފަދަ ޕާޓްނާޝިޕަކަށް ރާއްޖޭގެ އެންމެ ރަނގަޅު ކުންފުނި،" އާވިން ވިދާޅުވި އެވެ.
ގަލްފް ކްރާފްޓުން ރާއްޖޭގައި އަހަރަކު 1،500 އަށް ވުރެ ގިނަ އުޅަނދު ބަންނަމުން އަންނަ ކަމަށް ވެސް އާވިން ވިދާޅުވި އެވެ. އަދި އެ ކުންފުނިން ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ގަލްފް ކްރާފްޓާ އެކު ވި އެއްބަސްވުމަކީ ގާތްގަނޑަކަށް ދެ އަހަރުގެ މަސައްކަތެއް ކަމަށެވެ އެ އެއްބަސްވުން ދެމިއޮންނާނީ އެއް އަހަރަށް ކަމަށާއި، މުއްދަތު އިތުރު ކުރާނީ ދެ ފަރާތުގެ މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.