އެ ވަގުތަކު އެ މީހަކު ހުރި ތަން އަންގައިދޭ "ލޮކޭޝަން ސާވިސަސް" ބޭނުންހިފޭ ގޮތަށް، މިލިޓަރީ ސަރަހައްދުތަކުގައި ޖީޕީއެސް ނުޖައްސަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އަންގައިފި އެވެ. މި އަމުރުގައި މަނާކޮށްފައި ވަނީ ސްމާޓްފޯން، ސްމާޓް ގަޑި އަދި އެ ފަދައިން ޖިޕީއެސް މެދުވެރިކޮށް، "ލޮކޭޝަން" ކަށަވަރުކޮށްދޭ އާލާތްތަކެވެ.
ޕެންޓަގަން އިން މި ފަދަ އަމުރެއްކުރި ސަބަބަކީ، ފިޓްނެސް އެޕްލިކޭޝަނެއް ބޭނުންކުރާ ބަޔަކު އުފެއްދި "ހީޓްމެޕް"އެއްގެ ސަބަބުންނެވެ. ފިޓްނެސް އެޕްލިކޭޝަން އުފައްދާފައި ހުންނަނީ، މިސާލަކަށް ދުވާ މީހަކު ދުވަމުންދާ މަގު، ޖީޕީއެސް މެދުވެރިކޮށް ކުރަހައިދޭ ގޮތަށެވެ. އަދި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މެދުގައި އެ ކުރެހުން ހިއްސާކޮށް ފާޑުކިޔޭ ގޮތަށެވެ.
ދުވާ މީހުން ހަރަކާތްތެރިވާ މަގުތަކާއި ސަރައްދުތައް ޗާޓެއް ގޮތުގައި ކުރެހުމަކީ ގައުމުތަކުގައި އެއްވެސް ބަޔަކަށް މައްސަލައަކަށް ނުވެ އެވެ. ނަމަވެސް މި ފަހަރު ގޯސްވެގެން އުޅެނީ ޗާޓްކުރެހި މީހުން ކުރެހި ސަރަހައްދަކީ އަފްގާނިސްތާނަށް ވާތީ އެވެ. އަދި އެއީ ސިފައިން ހަރަކާތްތެރިވެ، ކަސްރަތުކޮށް އުޅޭ މިލިޓަރީ ސަރަހައްދަކަށް ވާތީ އެވެ. އެ ތަނުގައި އޮފިޝަލުން ސްމާޓްފޯނުތަކަށް ފިޓްނެސް އެޕްތައް އަޅައި "ލޮކޭޝަން ސާވިސަސް" ބޭނުންކުރާތީ އެވެ.
ޕެންޓަގަން އިން އެދިފައި ވަނީ މިލިޓަރީ ސަރަހައްދުތަކުގައި "ލޮކޭޝަން" އަންގައިދޭ ޑިވައިސްތައް ބޭނުންނުކުރުމަށެވެ. އެއީ އަމިއްލަ އަދި ސަރުކާރުން ފޯރުކޮށްދޭ ޑިވައިސްއެއް ނަމަވެސް އެވެ. އޮފިޝަލުންނަށް މިހާރު އޮތް ގޮތަކީ ބަސްއަހައި އެކަން ނުކުރުމެވެ. ނޫން ނަމަ ދެން އޮތް ގޮތަކީ އެކަމަށް ކަނޑައަޅާފައި އޮތް އަދަބު ތަހަންމަލުކުރުމެވެ.