ވޯޓާ ސޮލިއުޝަންސްގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެންވަޔަރްމެންޓް މެނޭޖްމަންޓް ކޯހުގެ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް (ޖީ.އައި.އެސް) މޮޑިއުލް އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް އެހީތެރިވެދިނުމުގެ ގޮތުން ޖީޕީއެސްތަކެއް ހަދިޔާކޮށްފި އެވެ.

މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެއްޗާ ހަވާލުވީ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މުއާވިޔަތު މުހައްމަދެވެ. ވޯޓާ ސޮއިލުޝަންސް އިން ބުނީ މިއަދު ހަދިޔާ ކުރި ޖީޕީއެސްތަކުގެ އަގު ބައި ލައްކަ ރުފިޔާ އަށް އަރާނެ ކަމަށެވެ.

އެ ކުންފުނީގެ ޑިރެކްޓާ އަބްދުލް އަލީމް ވިދާޅުވީ، އަބަދު ވެސް ބަލަނީ މުޖުތަމައަށް ފައިދާ ކުރާނެ ކަންތައްތައް ކުރުމަށް ކަމަށެވެ. އެ ގޮތުން ކިޔަވާކުދިންގެ ކިޔެވުން މުއްސަނދި ކުރުވާނެ އަދި ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ދަރިވަރުންނަށް އިތުރު މައުލޫމާތު ފޯރުކޮށްދެވޭ ފަދަ ތަފާތު އެކި ޕްރޮގްރާމްތައް ހިންގުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް ކަމަށެވެ.

ވޯޓާ ސޮލިއުޝަންސް އިން މިއަދު އެމްއެންޔޫ އަށް ހަދިޔާކުރި ބައެއް ޖީޕީއެސްތައް.-- ފޮޓޯ: ވޯޓާ ސޮލިއުޝަންސް
ވޯޓާ ސޮލިއުޝަންސް އިން މިއަދު އެމްއެންޔޫ އަށް ހަދިޔާކުރި ބައެއް ޖީޕީއެސްތައް.-- ފޮޓޯ: ވޯޓާ ސޮލިއުޝަންސް

ޖިޕީއެސް އަކީ ހަމައެކަނި ދަތުރުކުރުމުގެ ފަސޭހަ އަށް ބޭނުންކުރާ އާލާތެއް ނޫނެވެ. ޖީޕީއެސް ބޭނުން ކޮށްގެން ޖިއޮގްރަފީއާ ބެހޭ ގިނަ ދާއިރާތަކުން މައުލޫމާތު އެއްކުރެވޭނެ އެވެ. އަދި ކޮލެޖުގައި ކިޔަވައިދޭ ޖީއައިއެސް މޮޑިއުލްގައި، ޖިއޮގްރަފީއާ ގުޅޭ މައުލޫމާތުތައް އެއްކޮށް، ރައްކާ ކުރުމަށް ސިސްޓަމްތައް ފަރުމާ ކޮށްދޭން ދަސްކޮށްދެ އެވެ.

ރާއްޖޭގެ އެންމެ ތަފްސީލީ ޗާޓާއި، ކަނޑު އަޑީގެ ގިނަ މައުލޫމާތުތައް ޕަބްލިޝް ކުރަމުން އަންނަ ކުންފުނިން ބުނީ، މި އާލާތްތަކުގެ ބޭނުން ސައިންސް ފެކަލްޓީގެ ދަރިވަރުންނަށް ވަރަށް ފުރިހަމަ އަށް ކުރެވޭނެ ކަމަށާއި މީގެ ސަބަބުން ކިޔަވާކުދިން މަސަތްކަތުގެ މާހައުލަށް ނިކުުތުމުގެ ކުރިން މިފަދަ ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވޭނެ ކަމަށެވެ.