ސީރިއާގެ އަތުން 1967 ވަނަ އަހަރު އިޒްރޭލުން ފޭރިގެންފައިވާ ގޯލާން ހައިޓްސް (ގޯލާންގެ އުސްބިންތައް) އެއީ އިޒްރޭލުގެ ބައެއް ކަމަށް ބުނެ ކުރާ ދައުވާއަށް، ކޮލަމްބިއާގެ ވެރިކަމާ އަލަށް ހަވާލުވި ކަނާތުފިޔައިގެ ސަރުކާރުން ތާއީދުކޮށް އެކަން އިއުލާނުކޮށްފި އެވެ.
ގޯލާންގެ އުސްބިންތަކުގެ މައްޗަށް ބާރު އޮންނާނީ އިޒްރޭލަށް ކަމަށް އެ މީހުން 1981 ގައި ބުނި ބުނުމަށް މިހާތަނަށް ތާއީދުކޮށްފައި އޮތީ އެމެރިކާ އެކަންޏެވެ.
ކޮލޮމްބިއާގެ ރައީސް އަބެލާޑޯ ޑެ ލާ އެސްޕްރިއެލާ ވެރިކަމާ ހަވާލުވެވަޑައިގަތީ ހުކުރު ދުވަހު އެވެ. އޭނާގެ ކެމްޕޭނުގައި ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އެމެރިކާ އަދި އިޒްރޭލާ އެކު އޮންނަ ގުޅުން ބަދަހިކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭނާގެ ފޮރިން މިނިސްޓަރު އިޒްރޭލުގެ މި ދައުވާއަށް އިއުތިރާފުވިކަން އިއުލާންކުރީ ކޮލަމްބިއާގެ ހުޅަނގަށް ބާރުގަދަ ބިންހެލުމެއް އައިސް، މަދުވެގެން 111 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވި ދުވަހު އެވެ.
"ކޮލަމްބިއާ ސަރުކާރުން މި ސަރަހައްދުގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ބާރު އޮތްކަމާއި، ބޭރުގެ ނުރައްކާތަކުން ދިފާއުވުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާކަން ގަބޫލުކުރަން،" އެކްސްގައި އާންމުކުރި ބަޔާނެއްގައިވެ އެވެ. އަދި "ގޯލާންގެ އުސްބިންތަކުގެ މައްޗަށް އިޒްރޭލުގެ ކޮންޓްރޯލާއި ސިޔާދަތީ ބާރު ދެމެހެއްޓުމަކީ އިޒްރޭލުގެ 'ގައުމީ ދިފާއުގެ' މުހިންމު ބައެއްކަން ކޮލަމްބިއާއިން ގަބޫލުކުރާ" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އދ. އިން އިން ދެކޭގޮތުގައި އެ އުސްބިންތަކަކީ އިޒްރޭލުގެ އަސްކަރީ އިސްތިއުމާރުގެ ދަށުގައިވާ ސީރިއާގެ ސަރަހައްދެކެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް ވަނީ އޭނާގެ "ހެޔޮއެދޭ ރަހުމަތްތެރިޔާ" ޑެ ލާ އެސްޕްރިއެލާގެ ނިންމެވުމަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މި ނިންމެވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތީ ޑެ ލާ އެސްޕްރިއެލާ ހުވާކުރެއްވުމުގެ އެއް ދުވަސް ކުރިން ކޮލޮމްބިއާގެ ބާރަންކިއްޔާ ސިޓީގަ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު ބުނެފައިވަނީ ޔަހޫދީންގެ "އިހުގެ ބިމުގައި" ޔަހޫދީން ދެމިތިބުން ކަށަވަރުކުރުމަށްޓަކައި ދިފާއީ އިމެއް އޮތުން ކޮންމެހެން މުހިންމު ކަމަށެވެ.
ކޮލަމްބިއާގެ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވި ސާރް އެކްސްގައި ލިޔެފައިވެ އެވެ.
މިދިޔަ މަހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ގޯލާންގެ އުސްބިންތަކަކީ ސީރިއާގެ ބައެއްކަން ތަކުރާރުކޮށް ވިދާޅުވެ، އިޒްރޭލުގެ އިސްތިއުމާރަކީ "އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
ޑެ ލާ އެސްޕްރިއެލާގެ ކުރިން ވެރިކަމުގައި ހުންނެވި ވާާތުފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ ޣައްޒާގައި އިޒްރޭލުން ހިންގާ ޖަރީމާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސިޔާސީ ގުޅުން ކަނޑާލައި އިޒްރޭލުން ހަތިޔާރު އެތެރެކުރުން ވެސް ހުއްޓާލައިފަ އެވެ. ނަމަވެސް، މިހާރު ވެރިކަމުގައި ހުންނެވި އެމެރިކާގެ ތާއީދުލިބޭ މިލިއަނަރު ވަނީ އެ ގުޅުންތައް އަލުން އިއާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ މަހު އޭނާ ވިދާޅުވީ ގުދުސްގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުވަން ވެސް ރާވަމުންދާ ކަމަށެވެ. އިޒްރޭލުން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަތް ނަމަވެސް، އޭގެ ތެރޭގައި ހިފާފައިވާ ފަލަސްތީނުގެ އިރުމަތީ ބައި ވެސް ހިމެނެ އެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ކަމެއް ނޫންކަމުން، ގިނަ ގައުމުތަކުގެ އެމްބަސީތައް ހުންނަނީ ތެލް އަވީވްގަ އެވެ. -- އޭއެފްޕީ