މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ ހުޅުމާލެ 3 ހިއްކައި ނިންމުމަށް ފަހު އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ބިން ހިއްކުން އަވަސް ކުރަން ގެނައި ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
ކުރިން މި މަސައްކަތް ކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށް ބިންތަކެއް ދޭން ޖެހޭ ގޮތަށް ކަމަށްވާތީ އެއްބަސްވުން ފަހުން ބާތިލްކުރީ އެވެ.
އެމްއޭސީއެލުން ބުނީ، ގިރާވަޅުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކަން ޖެހޭއިރު އެ ކުންފުނިން މިއަދު ހިއްކަން ފެށީ މިހާތަނަށް ނުހިއްކާ އޮތް 97.15 ހެކްޓަރު ކަމަށެވެ.
"ގިރާވަޅުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 22،000 ސީބީއެމްގެ އޮރެންޖު ނަމަކަށް ކިޔާ ޑްރެޖަރުންނެވެެ،" އެމްއޭސީއެލުން ނެރުނު ބަޔާނުގައި ވެ އެވެ.
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވެ އެވެ.
ގިރާވަރުފަޅުން ދޫކުރަނީ 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި 2050 އަކަފޫޓުގެ 253 ޕްލޮޓުގެ އިތުރުން 2،450 އަކަފޫޓުގެ އެއް ޕްލޮޓެވެ.
ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވާތީ ގޯތީގެ ގުރު ނެގުން މާދަމާ ބާއްވަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.