ސްޕެއިންގައި ކުޅެމުން އަންނަަ ރާއްޖޭގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ މިރާޝް އިމްތިޔާޒު (އާޝް)، ޖެރާޑް ޕީކޭ ހިންގަމުން އަންނަ ކިންގްސް ލީގުގެ ފައިނަލް ސިލެކްޝަންގައި މިރޭ ވާދަ ކުރާނެ އެވެ.
ސްޕެއިނާ އެކު ވޯލްޑްކަޕާއި ޔޫރޯ ކާމިޔާބު ކުރި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު މިހާރު ހަރަކާތްތެރި ވަނީ ކުޅިވަރުގެ ވިޔާފާރި ދާއިރާގަ އެވެ. ކިންގްސް ލީގަކީ 2022 ގައި ކުޅުން ހުއްޓާލުމަށް ފަހު އޭނާ އުފެއްދި ސެވަން-އަ-ސައިޑް ފުޓްބޯޅަ ލީގެކެވެ.
މިހާރު ފުޓްބޯޅައިން ރިޓަޔާ ކޮށްފައި ތިބި މަޝްހޫރު ކުޅުންތެރިން ކަމަށްވާ ސާޖިއޯ އަގުއެރޯ އާއި ރޮނާލްޑީނިއޯ އަދި ގޯލްކީޕަރު އިކާ ކަސިއަސް ފަދަ ކުޅުންތެރިން ވެސް ކިންގްސް ލީގުގައި ކުޅެފައިވެ އެވެ.
ބާސެލޯނާގައި ކުރިއަށް ގެންދާ މި ލީގުގައި މިއަހަރުގެ ސިލެކްޝަން؛ ޓަރައި އައުޓްސްގައި، ބައިވެރިވާ ތިން ހާހަށް ވުރެ ގިނަ ކުޅުންތެރިންގެ ތެރެއިން މިރާޝް މިވަނީ ފަހު ބުރަށް ހޮވިފަ އެވެ.
އަންނަ ހަފްތާ ބާއްވާ ލީގުގެ ޑްރާފްޓް ޑޭ އަށް ހޮވާ ކުޅުންތެރިން ނެގުމަށް 40 ކުޅުންތެރިންނާ އެކު ބޭއްވޭ މި ފަހު ސިލެކްޝަން އޮންނާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. ގޭމް ސްޓްރީމްގެ ހިދުމަތް ދޭ މަޝްހޫރު ޓްވިޗް އިން މި ޓްރައި އައުޓްސް ލައިވް ކުރާނެ އެވެ.
ލައިވް ކުރާ ވަގުތު ބެލުންތެރިންނަށް ވެސް، މިރާޝް ހޮވަން މަސައްކަތް ކޮށްދެވޭނެ އެވެ. ލައިވް ކުރިއަށް ދާ ވަގުތު، ބެލުންތެރިންނަށް ކަމުދާ ކުޅުންތެރިންނަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާއިރު، އެންމެ ގިނަ ވޯޓް ލިބޭ 10 ކުޅުންތެރިންނަށް ޑްރާފްޓް ޑޭ އިން ޖާގަ ޔަގީން ވާނެ އެވެ.
މިރާޝްގެ ޕްލޭޔާ ނަމްބަރަކީ 181 އެވެ. އަދި ޓްރައި އައުޓްސްގައި އޭނާގެ އެވްރެޖް ރޭޓިން އަކީ 82 އެވެ. އެއީ ފިޒިކަލް އަށް 73، ޑުއެލްސް އަށް 84، ޝޫޓިން އަށް 86، ޑިފެންޑިން އަށް 75، ޕާސިން އަށް 84 އަދި އޭނާގެ ސްކިލްސް އަށް 85 ގެ ރޭޓިން އެއް ހޯދައިގެންނެވެ.
އެންމެ މަދުން ވޯޓް ލިބޭ 14 ކުޅުންތެރިންނަށް ފުރުސަތު ގެއްލޭއިރު، ބާކީ 16 ކުޅުންތެރިންގެ ތެރެއިން ޑްރާފްޓް ޑޭ އަށް ކުޅުންތެރިން ހޮވާނީ މެޗެއް ކުޅުމަށް ފަހު އެވެ.
މިރާޝް ވަނީ، 2022 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ސްޕެއިންގެ ބާސެލޯނާ އަށް ނިސްބަތްވާ ޔޫއީ ކޯނެލާގެ އެކަޑަމީގައި ތަމްރީން ހަދައި، ސްޕެއިންގެ ޔޫތު މުބާރާތްކުގައި އެ ކްލަބަށް ކުޅުނު އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ވަނީ ކަޓާލަން ލީގުގައި ކުޅެފަ އެވެ.