ޣައްޒާއަށް ސުލްހަ ގެންނަން ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލި "ބޯޑް އޮފް ޕީސް" އިން އެކުލަވާލި ޕްލޭން ގަބޫލުނުކުރާނެ ކަމަށާއި ޣައްޒާއިން ނުފައިބާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިއަދު ބުނެފި އެވެ.
ޓްރަމްޕްގެ ޕްލޭނާ ދެކޮޅު ހަދައި ނަތަންޔާހޫ ބުނީ ހަމާސް އިން އިހުލާސްތެރިކަމާ އެކު ހަތިޔާރު ބެހެއްޓުމުން ނޫނީ ޣައްްޒާއިން ނުފައިބާނެ ކަމަށާއި އިޒްރޭލުން މަސައްކަތް ކުރަނީ ހަމާސް މުުލުން ލުހެލަން ކަމަށެވެ. އެކަމާ އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފަނަރަ ނުކުތާގެ އެޑޮކިއުމެންޓާ އިޒްރޭލުން ދެކޮޅު ހަދަން. ހަމާސް އިން އިހުލާސްތެރިކަމާ އެކު ހަތިޔާރު ނުބަހައްޓަނީސް [ޣައްޒާއިން] ފޭބުމުގެ އެއްވެސް ކަމެއް ސިފައިން ނުކުރާނެ،" ނަތަންޔާހޫ ބުނ ކަމަށް އިޒްރޭލުގެ ނޫސްތަކާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.
ހަމާސް އިން ހަތިޔާރު ބެހެއްޓުން ހިމެނޭހެން ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ޕްލޭނާ މެދު ކަންބޮޑުވާ ކަމަށް ނަތަންޔާހޫ ގެ އޮފީހުން ކުރިން ވެސް އޮތީ ބުނެފަ އެވެ. އެކަމަކު ހަމާސް އިން އިއްޔެ ވެސް ބުނެފައިވަނީ ޕްލޭނާ އެއްގޮތަށް އަމަލުކުރަން ތައްޔާރު ކަމަށެވެ.
"އިޒްރޭލުން ވަނީ ހުށަހަޅާފައިވާ ގޮތްތަކާ މެދު ހުރި ހިޔާލުތަކާއި ކަންބޮޑުވުންތައް އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި. އާންމުކޮށްފައިވާ މައުލޫމާތުތަކަކީ އިޒްރޭލުގެ ވިސްނުން އެކުލެވޭ އެއްޗެއް ނޫން،" ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ދޮރޮން ސްޕީލްމަން މިދިޔަ ހޯމަ ދުވަހު އޭއެފްޕީއަށް ބުންޏެވެ.
އޭނާ ބުނީ، އޮކްޓޯބަރު މަހު ޓްރަމްޕް އިއުލާނު ކުރެއްވި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، އަނިޔާވެރި އަމަލުތައް މަދުވެފައި ނަމަވެސް، ހަމާސްއިން އަލުން ހަތިޔާރު އެއްކޮށް، ފައުޖުތަކަށް މީހުން ނަގަމުންދާކަން އިސްރާއީލުގެ އިންޓެލިޖެންސަށް އެނގިފައިވާ ކަމަށެވެ.
ހަމާސްގެ ހަމަލާތައް މަދުވިޔަސް އިޒްރޭލުން ދަނީ ގާޒާއަށް ހަމަލާތައް ދެމުންނެވެ.
ހަމާސްއިން ޖުލައި 31 ގައި އިއުލާނުކުރި ގޮތުގައި، އެކުލަވާލަމުން އަންނަ، ފަލަސްތީނުގެ ހިންގާ ކޮމިޓީއަކަށް ހަތިޔާރު ހަވާލުކުރުން ހިމެނޭ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް އެ ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ.
ޓްރަމްޕް ވަނީ އެއީ އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ނުރައްކާތެރި ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި ލިބުނު "ބޮޑު ކުރިއެރުމެއް" ކަމަށް ސިފަކުރައްވައިފަ އެވެ. އަދި މި ކުރިއެރުންތަކާ މެދު އިޒްރޭލުން "ވަރަށް އުފާކުރާ" ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.