ފުވައްމުލަކު ދަޑިމަގު ކުޅީގައި އަނެއްކާ މިއަދު ވެސް ރޯކޮށްލައިފި އެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި މިތަނުގައި ރޯކޮށްލި ތިން ވަނަ ފަހަރެވެ. އިއްޔެ ވެސް އެ ރަށު ދަޑިމަގު ކުޅީގެ ދެކުނު ފަރާތުގައި ރޯކޮށްލުމުން ބޮޑު ބައެއް އަނދާފައިވާއިރު މިދިޔަ ހުކުރު ދުވަހު ކުޅީގެ އުތުރު ފަރާތުގައި ވަނީ ރޯކޮށްލާފަ އެވެ.

މިއަދު 5:30 ހާއިރު އެތަނުގައި ރޯކޮށްލީ، އިއްޔެ ރޯކޮށްލި އަލިފާންގަނޑު ނިއްވާލި ހިސާބުގަ އެވެ. އެ އަލިފާންގަނޑު އަދިވެސް މުޅިއަކުން ނުނިވެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދުމުގެ އަސަރު ވެސް ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.

ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވާ މިތަނުގައި ރޯކުރާ ސަބަބެއް ނޭނގެ އެވެ. އެކަމަކު އެ ރަށު ކައުންސިލުން ތުހުމަތު ކުރަނީ މިއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

ފުވައްމުލަކު ޗަސްބިމުގައި ރޯވެ އަލިފާންގަނޑު އަނދަނީ: މިއީ އެތަނުގައި ރޯވި ތިން ވަނަ ފަހަރު
ފުވައްމުލަކު ޗަސްބިމުގައި ރޯވެ އަލިފާންގަނޑު އަނދަނީ: މިއީ އެތަނުގައި ރޯވި ތިން ވަނަ ފަހަރު

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޝާފީ ވިދާޅުވީ އެ ތަނުގައި ރޯކުރަން ޖެހޭ ސަބަބެއް އޭނާއަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

"މިއީ މި ރަށުގެ ދިގުވާނޑު އަވަށާއި ހޯދަޑު އަވަށާއި ދަޑިމަގު އަވަށް ހިމެނޭ ގޮތަށް އޮންނަ ތަނެއް. އެކަމަކު މިތަން ބޭނުން ވެގެން އެކަމާ އަރާރުންވެ ހިތްހަމަ ނުޖެހިގެން އެއްވެސް ބަޔަކު ނޫޅޭ. އެހެންވެ، އެއްގޮތަކަށް ވެސް މިތަނުގައި ރޯކޮށްލަން ޖެހޭ ސަބަބެއް ނުވިސްނޭ،" އޭނާ ވިދާޅުވި އެވެ.

ޝާފީ ކުރިން ވިދާޅުވީ ކުޅެ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި ވެސް ކުޅީގައި ރޯވެފައި އެބަހުރި ކަމަށާއި އެކަމަކު މިހާރު ބޮޑަށް ބެލެވެނީ މިއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

އަލިފާންގަނޑު ރޯކޮށްލުމުން، އެތަން ނިއްވާލަނީ ސިފައިންނާއި އާއްމުން ނިކުމެ އެވެ.

އާއްމުކޮށް މީހުން ބޭނުން ކުރާ ޒާތުގެ ގަހެއް އެތަނުގައި ނެތް ނަމަވެސް، ގިނަ އަދަދެއްގެ ގަސް އެތަނުގައި ހުރެ އެވެ. އަދި އެއީ ތަފާތު ވައްތަރުގެ ދޫނިތަކުގެ ގެއެވެ.

ޝާފީ ވިދާޅުވީ އެ ސަރަހައްދު ރީތިކަމުން ގިނަ ބަޔަކު އެތަނަށް ގޮސް ފޮޓޯ ނަގައި ހަދާ ކަމަށާއި އެކަމަކު މިހާރު އެތަން އެއްކޮށްހެން އޮތީ އަނދާހުލިވެފައި ކަމަށެވެ.