މި ސަރުކާރުން އަލަށް ފެށި މަސައްކަތެއް ކަމަށްވާ ބަންކަރިންގެ ވިޔަފާރިން މިހާތަަނަށް 80 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އެންމެ ފަހުން ރިޕޯޓުގެ އަލީގައި ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ.
ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީއާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމުން ސައީދު ވިދާޅުވީ އެހާތަނަށް 12.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
"އަށްޑިހަ މިލިއަން ޑޮލަރު ބަންކަރިންގެ ވިޔަފާރިން ލިބިފައި އިން ކަމަށް އެންމެ ފަހުގެ ރިޕޯޓް ބުނަނީ، 80 މިލިއަން އެމެރިކާ ޑޮލަރު، މިއީ މީގެ ކުރިން ލިބުނު އާމްދަނީއެއް ނޫން،" ސައީދު މިއަދު ވިދާޅުވި އެވެ.
ބަންކަރިންގެ ވިޔަފާރި ފެށީ ސެޕްޓެމްބަރު 2024 ގައި ކަމަށް ވާތީ މި މަހު އެ ވިޔަފާރި ފެށިތާ ދެ އަހަރު ވާނެ އެވެ. އެ ވިޔަފާރިން މިހާތަނަށް ލިބުނީ 80 މިލިއަން ޑޮލަރު ކަމަށް ވާ ނަމަ އެއީ އަހަރަކަށް 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ) އެވެ.
ބަންކަރިން ހިދުމަތުން އާގުބޯޓުފަހަރަށް ވިއްކި ފިއުލްގެ ބޮޑު ބަޔަކީ ރާއްޖެ އިން ކުރިން ނުވިއްކާ ބާވަތެއް ކަމަށްވާ ލޯ ސަލްފާ ފިއުލް ކަމަށް ވެސް މިނިސްޓަރު ސައީދު މީގެ ކުރިން ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިންގެ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ފޯރުކޮށްދެނީ ލޯ ސަލްފާ ފިއުލް އެވެ.