ޕެރިސް (ޖޫން 10) - ފަހަތުން އަރައި ފަސް ސެޓު ކުޅެގެން އަލެކްޒެންޑަ ޒްވެރޭވް ބަލިކޮށް ސްޕެއިންގެ ކާލޯސް އަލްކަރާޒް, 21, ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ގްރޭޞްޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ތިންވަނައަށް ސީޑް ކޮށްފައިވާ އަލްކަރާޒް މޮޅުވީ 6-3, 2-6, 5-7, 6-1 އަދި 6-2 އިން ރޮލެންޑް ގެރޯސްގެ ކްލޭ ކޯޓުގައި ކުޅުނު ސެޓްތައް ގެންގޮސްގެންނެވެ.
އަލްކަރާޒް އެންމެ ކުޑައިރުން ފެށިގެން ހާއްސަ ވަމުން އައީ ކްލޭ ކޯޓަށެވެ. ފްރެންޗް އޯޕަންގެ ކާމިޔާބީއާ އެކު އަލްކަރާޒްގެ ހުވަފެނެއް މިވަނީ ހަގީގަތަކަށް ހަދައިފަ އެވެ. އޭނާގެ އެންމެ މަގުބޫލު ކުޅުންތެރިއަކީ ވެސް 14 ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް އެވެ.
"ކުޑައިރު އަހަރެން ވީހާވެސް އަވަހަކަށް ސްކޫލުން ގެޔަށް އައިސް މި މުބާރާތް ޓީވީއިން ބަލައި އުޅުނިން އެކަމު މިހާރު އަހަރެން މި މުބާރާތުގެ ތަށި މި އުފުލާލަނީ," އަލްކަރާޒް ބުންޏެވެ.
އަލްކަރާޒް ފްރެންޗް އޯޕަންގައި ފުރަތަމަ ފަހަރަށް ކުޅުނީ އުމުރުން 12 އަހަރުގައި 2015 ވަނަ އަހަރުގެ ޖޫނިއާ ބައިގަ އެވެ. އެ މުބާރާތުގައި އޭނާ ވަނީ ވިމްބެލްޑަން އާއި ފްރެންޗް އޯޕަން ކާމިޔާބު ކުރަން ބޭނުންވާކަމަށް ބުނެފަ އެވެ.
މި މޮޅާ އެކު އަލްކަރާޒް ވެފައި ވަނީ ތިން ވައްތަރުގެ ކޯޓުގައި ވެސް ގްރޭންޑް ސްލޭމް މުބާރާތް ކާޕިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2022 ވަނަ އަހަރު ހާޑް ސާފޭސްގައި ކުޅުނު ޔޫއެސް އޯޕަން ކާމިޔާބު ކުރިއިރު, މިދިޔަ އަހަރު ވަނީ ވިމްބެލްޑަންގެ ވިނަ ކޯޓުގައި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.