ޕެރިސް (ޖޫން 9) – ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް ތެނިސް މުބާރާތުގައި އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ޕޮލެންޑްގެ އީގާ ސްވިއާޓެކް، 23، ހޯދައިފި އެވެ.
މިއަހަރުގެ ޗެމްޕިއަންކަން ސްވިއާޓެކް ހޯދީ މުޅިން އަލަށް ގްރޭންޑް ސްލޭމް ފައިނަލެއް ކުޅުނު އިޓަލީގެ ޔާސްމީން ޕައޮލިނީއާ ވާދަކޮށް 6-2، 6-1 އިން މޮޅުވެގެންނެވެ.
"މިތާނގައި (ރޮލެންޑް ގެރޯސްގެ ކްލޭ ކޯޓުގައި) ކުޅެން އަހަރެން ވަރަށް ލޯބި ކުރަން. ކޮންމެ އަހަރަކު މިތާނގެ މުބާރާތްތަކަށް އިންތިޒާރު ކުރެވޭ،" ފައިނަލް މެޗު އެންމެ 68 މިނިޓުން ކާމިޔާބުކުރި ސްވިއާޓެކް ބުންޏެވެ.
މިއީ ސްވިއާޓެކް މި މުބާރާތް ކާމިޔާބު ކުރި ހަތަރުވަނަ ފަހަރެވެ. އެންމެ ފުރަތަމަ ނެގީ 2020 ވަނަ އަހަރެވެ. އެއީ އޭނާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. ފްރެންޗް އޯޕަންގެ އިތުރުން އޭނާ ވަނީ 2022 ވަނަ އަހަރު ޔޫއެސް އޯޕަން ގްރޭޏްޑް ސްލޭމް މުބާރާޓް ކާމިޔާބު ކޮށްފަ އެވެ.
ފިރިހެން އާ ޗެމްޕިއަނަކަށް ވާނީ ކާކު؟
މިއަދު ކުޅޭ، މިއަހަރުގެ ފްރެންޗް އޯޕަން ފިރިހެން ސިންގަލްސްގެ ފައިނަލްގައި ތިބީ މުޅިން އަލަށް މި މުބާރާތް ކާމިޔާބު ކުރަން ތިބި ކުޅުންތެރިންނެވެ.
މިދިޔަ ދެ އަހަރު މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވި ކެސްޕާ ރޫޑް ސެމީގައި ބަލިކޮށްފައި ފައިނަލުން ޖާގަ ހޯދި އެލެކްސެންޑާ ޒްވެރޭވް އަކީ އޮލިމްޕިކް ޗެމްޕިއަނެކެވެ. ނަމަވެސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ޗެމްޕިއަންކަން އޭނާއަށް އަދި ހޯދިފައެއް ނުވެ އެވެ.
ޒްވެރޭވްއާ ދެކޮޅަށް ނުކުންނާނީ ސްޕެއިންގެ ކާލޯސް އަލްކަރާޒް އެވެ. އަލްކަރާޒް ވަނީ ސެމީގައި، އޭޓީޕީ ރޭންކިންގެ އެއްވަނައިގައި އޮތް އިޓަލީގެ ޔަނިކް ސިނާ ބަލިކޮށްފަ އެވެ.
މީގެ ކުރިން ގްރޭންޑް ސްލޭމް ދެ މުބާރާތް އަލްކަރާޒް ނެގި އެވެ. އެންމެ ފުރަތަމަ 2022 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދިއިރު މިދިޔަ އަހަރުގެ ވިމްބެލްޑަން ވެސް ކާމިޔާބު ކުރި އެވެ. ނަމަވެސް ފްރެންޗް އޯޕަންގައި މިއީ ފައިނަލަށް އާދެވުނު ފުރަތަމަ ފަހަރެވެ.