ޕެރިސް (އޭޕްރީލް 30) - ފްރެންޗް ކަޕް ފައިނަލްގައި ނޯންޓްސް އާ ވާދަކޮށް 5-1 އިން މެޗު ކާމިޔާބުކޮށް، ތޫލޫސް އެ ކްލަބުގެ 53 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގައި ތައްޓެއް ކާމިޔާބު ކޮށްފި އެވެ.

ތޫލޫސް ވަނީ ފުރަތަމަ 10 މިނިޓު ތެރޭ ޑިފެންޑަރު ލޯގަން ކޮސްޓާގެ ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ތިންވަނަ ލަނޑު 23 ވަނަ މިނިޓުގައި ތިޔިސް ޑަލިންގާ ޖަހައިދިން އިރު 31 ވަނަ މިނިޓުގައި ހަތަރުވަނަ ލަނޑު ވެސް ޖަހައިދިނީ ޑަލިންގާ އެވެ.

ނޯންޓްސް އަށް 75 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލޫޑޮވިޗް ބްލާސް ގޯލެއް ކާމިޔާބު ކޮށްދީފައި ވަނިކޮށް، އޭގެ ހަތަރު މިނިޓު ފަހުން ތޫލުސްގެ ފަސްވަނަ ގޯލު ޖަހައިދިނީ ޒަކަރިއާ އަބޫހަލާލް އެވެ.

މީގެ ކުރިން ވެސް ފްރާންސްގެ އެއްވަނަ ޑިވިޝަންގައި ވާދަ ކޮށްފައިވާ ތޫލޫސް މި ސީޒަންގައި އެއްވަނަ ޑިވިޝަނަށް ކޮލިފައިވީ، މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްފަ އެވެ.

ލީގުގައި މިވަގުތު ތޫލުސް އޮތީ 12 ވަނައިގަ އެވެ. ނަމަވެސް ކަޕް ޗެމްޕިއަންކަން ހޯދައި އެޓީމު ވަނީ އަންނަ ސީޒަންގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖަށް ކޮލިފައި ވެފަ އެވެ.

ފްރާންސް ލީގުގެ ފުލަށް ދާ ހަތަރު ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ. ނޯންޓްސް އަށް އޮތީ 17 ވަނައިގައި އޮތް ބްރެސްޓާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ރެލިގޭޝަންގެ ބިރު ހީވެފަ އެވެ.

މި އަހަރުގެ ކަޕް ފައިނަލްގައި ތޫލޫސް ހޯދި މި ކާމިޔާބީއަކީ 1970 ވަނަ އަހަރު ސެއިންޓް އެޓިއެނީ އިން 5-0 އިން ނޯންޓްސް ބަލިކުރި ފައިނަލް މެޗަށް ފަހު އެންމެ ތަރާތު ބޮޑު ސްކޯއެއް ފެނުނު ފައިނަލެވެ. އެއީ ތޫލޫސް އުފެދުނު އަހަރެވެ.

އޭގެ ކުރިން 1957 ވަނަ އަހަރު ތޫލޫސް އެފްސީ ނަމަކަށް ކިޔުނު ޓީމެއް ވަނީ ފްރެންޗް ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އޭގެ 10 އަހަރު ފަހުން އެޓީމު ވަނީ މާލީ މައްސަލަތަކާ ހުރެ ޕްރާންސްގެ ކްލަބެއް ކަމަށްވާ ރެޑް ސްޓާ އެފްސީއާ ގުޅިފަ އެވެ.