ނަންޓްސް (މާޗް 3) - ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން މޮނާކޯ ބަލިކޮށް، 22 އަހަރަށް ފަހު ނަންޓްސް އިން ފްރެންޗް ކަޕުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މޮނާކޯއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރުހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ހާފުގައި މޮނާކޯގެ ގުއިލާމޯ މަރިޕާން އެޓީމަށް ލީޑު ނަގައިދިން ނަމަވެސް އެޓީމުގެ ޖިބްރީލް ސިޑިބޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ އެއްވަރު ވިއެވެ.

ދެވަނަ ހާފުގެ 74 ވަނަ މިނިޓުގައި ކޮންގޯ މިޑްފީލްޑަރު ސެމުއެލް މުޓުސަމީ ނަންޓްސް އަށް ލީޑޫ ނަގައިދީފައި ވަނިކޮށް އޭގެ ދެ މިނިޓު ފަހުން ނެދަލެންޑްސްގެ ޒުވާން ފޯވާޑް މީރޯން ބޯޑު މޮނާކޯ އަށް އެއްވަރު ކޮށްދިނެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ނަންޓްސްގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، މޮނާކޯ އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. މޮނާކޯގެ ކެޕްޓަން ވިސާމް ބެން ޔެޑާ ފުރަތަމަ ފޮނުވާލި ޕެނަލްޓީ، ނަންޓްސްގެ ކީޕަރު ރެމީ ޑިޝެމްޕްސް ދިފާއު ކުރިއިރު، ތިންވަނައަށް އޮރޭލިއަން ޗުއަމެނީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް މަތިން ބޭރަށެވެ.

ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ނަންޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށް ފަހު ނަންޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިހާތަނަށް ތިން ފަހަރު ފްރާންސް ކަޕް ކާމިޔާބު ކޮށްފައިވާ ނަންޓްސް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2000 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގެ ފްރާންސް ލީގު 18 ވަނައިގައި ނިންމަން ޖެހުމުން ޕްލޭއޮފް ކުޅެގެން ރެލިގޭޝަނުން ސަލާމަތްވި ނަންޓްސް މި ސީޒަނުގައި މި ވަގުތު އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ. ނަންޓްސް އޮތީ އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިލްގެ އިތުރުން މޮނާކޯ އާއި ލިޔޯން އަށް ވުރެ ވެސް ކުރީގަ އެވެ.

މޮނާކޯ އެންމެ ފަހުން ފްރެންޗް ކަޕް ކާމިޔާބުކުރީ 1991 ވަނަ އަހަރު އާސެން ވެންގާގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން 2010 އާއި މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ނަމަވެސް ދެފަހަރު ވެސް ނާކާމިޔާބުވީ ޕީއެސްޖީ އަތުން ބަލިވެގެންނެވެ.

އަންނަ މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ނަންޓްސްއާ ދެކޮޅަށް ނުކުންނާނީ، މުބާރާތުގެ ގަދަ 16 ގައި، އެންމެ ފަހުން ބޭއްވި ހަތް ފައިނަލުގައި ވެސް ވާދަކުރި ޕީއެސްޖީ ބަލިކުރި ނީސް އެވެ. ޕީއެސްޖީން ވަނީ އެންމެ ފަހުން އެ ޓީމު ފައިނަލުގައި ކުޅުނު ހަތް ފަހަރުގެ ތެރެއިން ހަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ނީސް ވަނީ ސެމީ ފައިނަލުގައި ފްރާންސްގެ ހަތަރުވަނަ ޑިވިޝަނުގެ އެފްސީ ވާސާއި 78 އާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. ނީސް އިން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ.

ނީސް ވެސް ވަނީ މީގެ ކުރިން ތިން ފަހަރު ފްރާންސް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން ފައިނަލުގައި ކުޅެ، މުބާރާތް ކާމިޔާބުކުރީ 1997 ވަނަ އަހަރެވެ.