ފްރާންސްގެ ސެން-ޓްރޯޕޭގެ ރިޒޯޓް ސަރަހައްދުން ބްރެޒިލްގެ ޓޫރިސްޓެއްގެ އަތުން ވަގަށް ނެގި 300,000 ޑޮލަރު (ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ) ގެ އަގުހުރި ލަގްޒަރީ ގަޑިއެއް ހޯދައި ސްޕެއިންގެ ހަތަރު މީހަކު އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފި އެވެ.
ވާ ރީޖަންގެ ޖެންޑާމަރީ (ފުލުހުން) ބުނި ގޮތުގައި، ގަޑީގެ ވެރިފަރާތުން 300,000 ޑޮލަރަށް އަގުކޮށްފައިވާ މި ގަޑި ވަގަށް ނެގީ ހުކުރު ދުވަހު އެވެ. ނަމަވެސް ފަހުން އެ ގަޑި ހޯދައި، ވެރިފަރާތަށް ރައްދުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ތުހުމަތުކުރެވޭ މީހުން ވައްކަން ކުރުމަށްފަހު ކާރެއްގައި ފިލަން މަސައްކަތްކުރަނިކޮށް ހައްޔަރުކޮށްފައިވަނީ ކައިރީގައިވާ ކޮގޮލިން ނަމަކަށްކިޔާ ރަށަކުންނެވެ. ސަރަހައްދީ ނޫހެއް ކަމަށްވާ "ނީސް-މާޓިން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުން އެ މީހުން އަތުލައިގަތީ ސެން-ޓްރޯޕޭގެ ގަލްފް ވަށައިގެންވާ މަގުތަކުގައި ދުއްވަނިކޮށް ހިންގި އޮޕަރޭޝަނަކަށްފަހު އެވެ.
މަޝްހޫރު ތަރިންނާއި، މިލިއަނަރުންގެ އިތުރުން ލަގްޒަރީ ޓޫރިސްޓުންގެ މަގުބޫލުކަން ހޯދާފައިވާ ސެން-ޓްރޯޕޭއަށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު، ރާވައިގެން ޖަރީމާތަކުގެ ގުރޫޕްތަކުން ގޮސް ބޮޑެތި ވައްކަންތައް ކުރެ އެވެ. އަގުބޮޑު ގަޑި އާއި ޖަވާހިރު ފޭރުމުގެ އަމަލުތައް މީގެ ތެރޭގައި ގިނަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މޫސުން ފެށުނީއްސުރެ ސެން-ޓްރޯޕޭ ސަރަހައްދުން އެކަނިވެސް ގާތްގަނޑަކަށް 15 ލަގްޒަރީ ގަޑި ވަގަށް ނަގާފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.