ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ފައިދާ އިތުރުވުމާ ގުޅިގެން، މިދިޔަ އަހަރު 387.6 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) ބޭރަށް ފޮނުވާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޕްރައިމަރީ އިންކަމް އެކައުންޓުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ފައިދާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެ އެކައުންޓްގެ ދަރަނި 50 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ ދަރަނި 374.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ ޕްރައިމަރީ އިންކަމް އެކައުންޓުގެ އިންފްލޯއަށް ބަލާއިރު، ރިޒާވް މެނޭޖްކޮށްގެން ލިބުނު އާމްދަނީ އިތުރުވުމުން ޖުމްލަ އިންފްލޯގެ ގޮތުގައި 13 މިލިއަން ޑޮލަރު ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
ޕްރައިމަރީ އިންކަމް އެކައުންޓްގެ އިތުރުން ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އާއި ސަރުކާރުން ހަދާ އެކިއެކި ޓްރާންސްފާ ތަކާއި އެހެނި ޓްރާންސްފާތައް ހިމެނޭ ސެކަންޑްރީ އިންކަމް އެކައުންޓުގެ ދަރަނި ވެސް މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެކައުންޓުގެ ޖުމްލަ ދަރަނި 635.2 މިލިއަން ޑޮލަރު ރެކޯޑްކުރެވިފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެ އެވެ.
އެމްއެމްއޭ އިން ބުނީ ސެކަންޑަރީ އިންކަމް އެކައުންޓުގެ ދަރަނި އިތުރުވި މައިގަނޑު ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުރިން ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އެއްބަސްވުން އުވާލުމުން އޭގެ ބަދަލެއްގެ ގޮތުގައި 271 މިލިއަން ޑޮލަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދެއްކުމުން ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބޭރު މީހުންގެ އަދަދު އިތުރުވެ، އެ މީހުންގެ މުސާރަ އިން ފޮނުވާ ބައި އިތުރުވުމުން އެ އެކައުންޓުގެ ދަރަނި އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ބިދޭސީން 378.6 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވެ އެވެ.