މި އަހަރުގެ ފުރަތަމަ ތިން މަހު އެކަނި ވެސް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގާތްކުރާ އަދަދުގެ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުއްދަ ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ ފުރަތަމަ ކުއާޓަރުގައި ހުއްދަ ދިން ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިންވެސްޓްމަންޓްތައް ހިމެނޭ ކަމަށެވެ.
އެންމެ ބޮޑެތި އިންވެސްޓްމަންޓް އައިސްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި ކޮންސްޓްރަކްޝަން ދާއިރާ އިން ހުއްދަ ދިނީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން އަންނަ އިންވެސްޓްމަންޓްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 10 ވަރަކަށް ކުންފުނި މީގެ ތެރޭގައި ހިމެނެނީ. ފާހަގަކޮށްލަން ބޭނުންވާ ބޮޑެތި އިންވެސްޓްމަންޓް މި އަންނަނީ އަދިވެސް ޓޫރިޒަމްގެ ދާއިރާ އިން. ދެން ޖެނެރަލް އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހޯލްސޭލް ޓްރޭޑިން އަދި އެކި ކަހަލަ މަޝްރޫއުތަކާ ގުޅިގެން ކޮންސްޓްރަކްޝަން ވިޔަފާރީގައި ރަޖިސްޓްރީ ކުރާ ކުންފުނިތައް އެބަ ހިމެނޭ،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުއްދަ ދިނަސް، ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތްކުރަން ސަރުކާރުން އިސްކަން ދޭ ކަމަށެވެ. އެހެންވެ ފަސް މިލިއަން ޑޮލަރަށް ވުރެ ކުދި މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުއްދަ ދެވޭނީ ދިވެހި ކުންފުންޏެއް ހިއްސާވެގެން ރަޖިސްޓްރީކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަސް މިލިއަން ޑޮލަރަށް ވުރެ ކުދި މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ފަރާތަކަށް ލާޒިމްވާނެ 35 ޕަސެންޓް ދިވެހި އެންޓިޓީއަކާ ގުޅިގެން އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން،" ވިސާމް ވިދާޅުވި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން 790 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާ ކަން ފާހަގަކުރައްވައި، ވިސާމް ވިދާޅުވީ އެއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުއްދަ ދިން ބޭރު އިންވެސްޓްމަންޓްތަކުން ލިބުނު އާމްދަނީ ކަމަށެވެ. އާންމު ގޮތެއްގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުއްދަ ދިނުމަށް ފަހު ދައުލަތަށް އާމްދަނީ ލިބެން މުއްދަތުތަކެއް ހޭދަވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހުއްދަ ދިނުމަށް ފަހު އާންމުކޮށް އެއް އަހަރު. އަދި ޚާއްސަކޮށް ޓޫރިޒަމް ސިނާއަތުގައި މިވާ ގޮތަކީ އާންމު ގޮތެއްގައި ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ރިސޯޓްތައް މި ހުޅުވަނީ. އެހެންވީމަ މިކަހަލަ ޑިވެލޮޕްމަންޓްސްތައް މި ފެންނަނީ ކުރީގައި އަޅުގަނޑުމެން ހުއްދަ ދީފައި ހުރި އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން،" ވިސާމް ވިދާޅުވި އެވެ.