ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ވިޔަފާރިކުރުން މިއަދުން ފެށިގެން ސަރުކާރުން މަނާ ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން އިވެންޓް މެނޭޖު ކުރުމާއި ޕްރޮޑަކްޝަން ދާއިރާގެ ވިޔަފާރިތައް ވެސް ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ނުކުރެވޭނެ ކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހިމެނޭ، ވިޔަފާރިއެއް މެނޭޖު ކުރުން ނުވަތަ ބެލެހެއްޓުން ވެސް މިއަދުން ފެށިގެން ފޮރިން އިންވެސްޓަރުންނަށް މަނާ ވާނެ ކަމަށް އިއުލާނުގައި ވެ އެވެ.

އޭގެ އިތުރުން، ސައުންޑާއި ލައިޓިން އަށް ބޭނުންކުރާ ސާމާނު [އޯޑިއޯ ވިޝުއަލް އިކުއިޕްމަންޓު] ކުއްޔަށް ދޫކުރުން ވެސް ބޭރުގެ ވިޔަފާރިތަކަށް ރާއްޖޭގައި މަނާ ވާނެ އެވެ. އަދި މިއުޒިކް ކުޅޭ ސާމާނު ކުއްޔަށް ދޫކުރުމާއި ވިއްކުން ވެސް ފޮރިން އިންވެސްޓަރުންނަށް ވަނީ މަނާކޮށްފަ އެވެ.

އިވެންޓް މެނޭޖު ކުރުން ބޭރު ވިޔަފާރިތަކަށް މަނާ ކޮށްފައިވާއިރު، ރާއްޖޭގައި ޚާއްސަ ހަރަކާތްތައް ފާހަގަ ކުރުމަށް ބާއްވާ ކަންކަން މެނޭޖު ކުރުން ވެސް ފޮރިން އިންވެސްޓަރުންނަށް ވަނީ މަނާ ކޮށްފަ އެވެ. އަދި ޚާއްސަ ހަރަކާތްތަކާ ގުޅިގެން ތައްޔާރު ކުރާ ސާމާނު އުފެއްދުން ނުވަތަ ޕްރޮޑިއުސް ކުރުން ވެސް މިއަދުން ފެށިގެން ބޭރުގެ ވިޔަފާރިތަކަށް މަނާ ވާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ، އެ އިއުލާން ނެރޭ ދުވަހުން ފެށިގެން، މުނިފޫހިފިލުވުމުގެ ދާއިރާގައި ވިޔަފާރި ކުރާ ބޭރުގެ ކުންފުނިތަކުގެ ވިޔަފާރިތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން، ރާއްޖޭގައި ހިންގާ ބޭރު ވިިޔަފާރިތަކަށް ވަނީ، ފޮޓޯ ނެގުމުގެ ދާއިރާގައި ހަރަކާތްތެރިވުން މަނާކޮށްފަ އެވެ.