ބޭރުގެ ކުންފުނިތަކުން މިއަހަރު ރާއްޖޭގައި 339.2 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) އިންވެސްޓްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން މަހަކު އެއް ފަހަރު ނެރޭ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކުންފުނިތަކުން ރާއްޖޭގައި ކުރި އިންވެސްޓްމަންޓްގެ އަގު އުޅެނީ 323.9 މިލިއަން ޑޮލަރުގަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެ އަދަދު އުޅެނީ 333.4 މިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިޒަމް ދާއިރާ އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި އެމްއެމްއޭ ބަލަނީ ރާއްޖޭގައި އިންވެސްޓްކުރާ ކުންފުންޏެއްގައި ބޭރު މީހެއްގެ މަދުވެގެން ދިހަ ޕަސެންޓް ހިއްސާއެއް އެކުލެވޭނަމަ އެވެ.

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ގިނައިން އިންވެސްޓްކުރަމުން އަންނަނީ ޓޫރިޒަމް ދާއިރާގަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތެރޭގައި ދިހަ ވަރަކަށް ރިސޯޓް އަލަށް ހުޅުވާނެ އެވެ.