ބޭރުގެ ލޯނުތައް ދެއްކުން މަޑުޖައްސާލުމަށް، މިޔަންމާގެ އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް އެ ގައުމުގެ މަރުކަޒީ ބޭންކުން އަންގައިފި އެވެ.
އެގޮތަށް އަންގާފައި ވަނީ އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށް ވާތީ އެކަން ހައްލު ކުރުމުގެގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.
މިޔަންމާގައި ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ބޭންކުތަކަށް ފޮނުވި ސިޓީއެއްގައި، އެ ގައުމުގެ ގަވަރުނަރުގެ ނައިބު ވިން ތޯ ވަނީ ފައިސާގެ ގޮތުގައި ނުވަތަ އެނޫން ގޮތްގޮތަށް ބޭރުން ނަގައިފައިވާ ލޯނުތަކުގެ އިންޓްރެސްޓް އާއި ޕްރިންސިޕަލް ދެއްކުން ވަގުތުން ހުއްޓާލަން އަންގަވައިފަ އެވެ.
އެ ބޭންކުތަކުގެ ކަސްޓަމަރުން ބޭރުގެ ފަރާތަކަށް ދަރާފައިވާ ނަމަ، ލޯނު އަނބުރާ ދެއްކުމުގެ ތާރީހުތަކަށް ބަދަލު ގެންނަން ނުވަތަ ލޯނުތައް ރީސްޓްރަކްޗާ ކުރަން އެންގުމަށް ވެސް އެ ސިޓީގައި އެދިފައި ވެ އެވެ.
ބޭރުގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި، މިޔަންމާގެ އެކި ކުންފުނިތަކުން 1.2 ބިލިއަން ޑޮލަރު ބޭރު ލޯނުގެ ގޮތުގައި ދައްކަން ޖެހެ އެވެ. އެ ކުންފުނިތަކުގެ ތެރޭގައި އުރީދޫ މިޔަންމާ، ސިޓީ ސްކުއާ ކޮމާޝަލް ކޯ ނަމަކަށް ކިޔާ ރިއަލް އެސްޓޭޓް ކުންފުންޏަކާއި ބައެއް ޓެލެކޮމް ޓަވަރު ހިންގާ ކުންފުނިތައް ހިމެނެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގައި ހިނގައިދިޔަ އަސްކަރީ އިންގިލާބަށް ފަހު، އެ ގައުމުގެ ފައިސާގެ އަގު ދަށްވުމާ ގުޅިގެން ބޭރު ފައިސާގެ ސިޔާސަތުތައް ވަރުގަދަކުރި އެވެ. ޑޮލަރާ އަޅާކިއާއިރު މިއަންމާގެ ފައިސާގެ އަގު ދަށްވީ އެ ގައުމުގައި ހިނގައިދިޔަ ބަގާވާތާ ގުޅިގެން އެމެރިކާގައި ހުރި މިޔަންމާގެ ރިޒާވް ހިފެހެއްޓުމާ ގުޅިގެންނެވެ.
މިޔަންމާގެ ރިޒާވް ދެމެހެއްޓުމަށްޓަކައި އެ ގައުމުން ވަނީ ކާރާއި އެހެން ލަގްޒަރީ މުދާ އެތެރެކުރުން މަނާކޮށް ތެލުގެ ބާވަތްތައް އެތެރެކުރުން މަދުކޮށްފަ އެެވެ.
ރިޒާވް އިތުރުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މިޔަންމާގެ މަރުކަޒީ ބޭންކުން އިއްޔެ ވަނީ ބޭރުގެ ފަރާތްތަކަށް 100 ޕަސެންޓް އޯނަޝިޕާ އެކު މިޔަންމާގައި ބޭންކު ނޫން ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ހުޅުވުމުގެ ހުއްދަ ވެސް ދީފަ އެވެ.