ކެނެޑާގެ ވެންކޫވާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިން އެތެރެވިޔަނުދީ ފަހައްޓައިފި އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް ހިމެނޭހެން ތިން އޮފިޝަލަކަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނުދިނީ ޓޮރޮންޓޯގެ ޕިއާސަން އެއާޕޯޓުގައި ތިބި އިމިގްރޭޝަން އޮފިސަރުންނެވެ.
ބައެއް މީޑިއާތަކުން ބުނިގޮތުގައި، މެހްދީ ތާޖަށް ދޫކުރި ވިސާ ކެންސަލްކޮށް އޭނާ ގައުމަށް ފޮނުވާލީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށެވެ.
ކެނެޑާ އާއި އެމެރިކާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ފެށެން މަދު ހަފުތާތަކަށް ވެފައި ވަނިކޮށް، އިރާނުގެ ފުޓްބޯޅައިގެ އެންމެ އިސް އޮފިޝަލުންނަށް ހުރަސްތައް ކުރިމަތި ކުރުމުން ވޯލްޑް ކަޕްގައި އިރާނުގެ ޓީމަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ނަމަވެސް ކެނެޑާގެ ފޮރިން މިނިސްޓްރީން ބުނީ އިރާނުގެ އެފްއޭއެގެ އޮފިޝަލުން އެތެރެވިޔަ ނުދީ ހިފެހެއްޓުނީ "ގަސްދުގައި ނޫން" ކަމަށެވެ.
އެ ގައުމުގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު ވިދާޅުވީ އީރާނުގެ އޮފިޝަލުންނަށް ދީފައިވާ ހުއްދަ ބާތިލްކުރިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލު ދެއްވާނީ އިމިގްރޭޝަން މިނިސްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެންގެ އަމިއްލަ ނިންމުމެއް ނޫން މިއީ، އެކަމަކު އަހަރެންނަށް އެނގިފައިވާ ގޮތުގައި ދީފައިވާ ހުއްދަ ވަނީ ބާތިލްކޮށްފައި. އެއީ ގަސްދުގައި ކުރި ކަމެއް ނޫން." އަނީތާ އާނަންދު ވިދާޅުވި އެވެ.
ކެނެޑާގެ އިމިގްރޭޝަން މިނިސްޓްރީން ބުނި ގޮތުގައި އައިއާރްޖީސީގެ އޮފިޝަލުންނަކީ ކެނެޑާއަށް އެތެރެވުން މަނާ ބައެކެވެ. އެ އޮފީހުގެ ޕްރެސް ސެކްރެޓަރީ ތާއޫސް އައިތު ވިދާޅުވީ ވަކިވަކި ކޭސްތަކަށް ކޮމެންޓް ނުކުރި ނަމަވެސް، ކެނެޑާގެ ސަރުކާރުގެ ސިޔާސަތު މިކަމުގައި ވަރަށް ސާފު ކަމަށެވެ.
"ސަރުކާރުގެ ނިންމުން ވަރަށް ސާފު އަދި ބަދަލެއް ނުވޭ. އައިއާރްޖީސީގެ އޮފިޝަލުންނަށް ކެނެޑާއަކުން ޖާގައެއް ނެތް، އަދި އެމީހުންނަކީ މި ގައުމަށް އެތެރެވުން މަނާ ބައެއް." ތާއޫސް އައިތު ވިދާޅުވި އެވެ.
އިރާނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ނިއުޒިލޭންޑާ ދެކޮޅަށް ނުކުންނާނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ.